ބޮރޫޝީއާ ޑޯޓުމަންޑު ބަލިކޮށް ޖަރުމަނު ބޮންޑަސްލީގާ ތާވަލުގެ އެއްވަނައަށް ބަޔާން މިއުނިކް ޖެހިލައިފިއެވެ.
ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު ޑޯޓުމަންޑާ ދެކޮޅަށް ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަކީ މިދިޔަ ހަފުތާގެ ތެރޭގައި ބަޔާންގެ ކޯޗުކަމާ ހަވާލުވި ތޯމްސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
އެ މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބަޔާންއިންނެވެ. އެ ގޯލަކީ މެޗުގެ 12ވަނަ މިނެޓުގައި ޑޯޓުމަންޑުގެ ކީޕަރު ކޯބެލް ބޮޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި ބޯޅަ ކޮންޓްރޯލް ނުވެ އޭނާގެ ދެފައި ދޭތެރެއިން ބައިކޮޅަށް ވަތް ގޯލެކެވެ.
އޭގެ ހަތަރު މިނެޓު ފަހުން ބަޔާނުން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. އެ ގޯލަކީ ބަޔާންގެ ޑިފެންޑަރު ޑި ލިޓް ކޯނަރަކަށް އަރައި ބޮލުން ފޮނުވާލި ހަމަލާ އެ ޓީމުގެ ތޯމަސް މުލާ ފައިގައި ޖެހިފައި ވަތް ގޯލެކެވެ.
މެޗުގެ 23ވަނަ މިނެޓުގައި ވެސް މުލާ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. ޑޯޓުމަންޑު އޭރިއާ ބޭރުން ބަޔާންގެ ސާނޭ ފޮނުވާލި ބާރު ހަމަލާ ޑޯޓުމުންޑުގެ ކީޕަރި ކޯބެލް އަތުގައި ޖެހިފައި ނިކުތުމުން މުލާ ވަނީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގެ ތެރޭގައި ބަޔާނުން ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހައިފައެވެ. ސާނޭގެ އެހީއާ އެކު އެ ގޯލު ޖެހީ ކިންގްސްލޭ ކޯމަންއެވެ.
މެޗުގެ 72ވަނަ މިނެޓުގައި ޑޯޓުމަންޑުން ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ބަޔާންގެ އޭރިއާ ތެރެއިން ޑޯޓުމަންޑުގެ ޖޫޑް ބެލިންހަމްއަށް ކުރި ފައުލަށް ދިން ޕެނަލްޓީއަކުން އެމްރޭ ކޭން ކާމިޔާބުކުރި ގޯލެކެވެ.
ގޯލެއް ޖެހުމަށް މަސައްކަތް ކުރުމުންދިޔަ ޑޯޓުމަނޑުން ވަނީ މެޗުގެ އެންމެ ފަހު މިނެޓުގައި އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ. ގުއެރެއިރޯ ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ކާމިޔާބުކުރީ ޑޮންޔެލް މާލެންއެވެ.
އެ މޮޅާ އެކު ބަޔާން ބޮންޑަސްލީގާ ތާވަލުގެ އެއްވަނައިގައި އޮތީ 26 މެޗު ކުޅެ ލިބުނު 55 ޕޮއިންޓާ އެކުއެވެ. އަދި ޑޯޓުމަންޑު ތާވަލުގެ ދެވަނައިގައި އޮތީ 26 މެޗު ކުޅެ ލިބުނު 53 ޕޮއިންޓާ އެކުއެވެ.