ބްރޯޑްކޮމްއަށް އައްޔަން ކުރަން ކޮމިޓީގެ ތާއީދު ޝިހާމް އަދި ސަފާއަށް

ޞަފާ ޝަފީގް އަދި ޝިހާމް މުހައްމަދު ވަހީދު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މެމްބަރަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވި ނަންތަކުގެ ތެރެއިން ދެ ބޭފުޅަކަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުންދީފިއެވެ.

މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ދަފްތަރު 5143 ޝިހާމް މުހައްމަދު ވަހީދާއި، ދ. މީދޫ ބިއްލޫރިވިލާ ޞަފާ ޝަފީގްގެ ތެރެއިން ބޭފުޅެއްގެ ނަމެވެ. ކޮމިޓީން މި ގޮތަށް ފާސްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ފަހު އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓު ކުރުމުގެ އިތުރުން އިންޓަވިއު ވެސް ކުރުމަށް ފަހުއެވެ.

ކޮމިޓީން އެ ދެ ބޭފުޅުންގެ ނަން ފާސްކޮށްފައިވަނީ އެ ވަގުތު ކޮމިޓީގައި ތިއްބެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ. ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރުމަށް ނަން ފޮނުއްވާފައިވަނީ އެކޮމިޝަންގެ މެމްބަރު އަމްޖަދު އިބްރާހީމްގެ މެމްބަރު ކަމުގެ މުއްދަތު މާރޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ އެވެ.

ޝިހާމް އަދި ސަފާ ގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރާނެ މެމްބަރެއްގެ ނަން ފާސްކުރާނީ މަޖިލިސް ތަޅުމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި އައިމިނަތު އަމީނާއާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.

comment ކޮމެންޓް