މި ރަމަޟާން މަހަކީ ތައުބާވުމުގެ އެންމެ ފަހު ފުރުސަތަށް ވެސް ވެދާނެ: ޚުތުބާ

ބަޔަކު ނަމާދުގައި -- -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ރަމަޟާން މަހަކީ ތައުބާވުމަށް އޮތް އެންމެ ފަހުގެ ފުރުސަތައް ވެސް ވެދާނެ ކަމަށާއި އެހެންކަމުން މި މަހުގެ ނިދާއަށް އިޖާބަ ދިނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ދުނިޔެވީ ހަޔާތުން އިބުރަތް ލިބިގަތުން މުހިއްމު ކަމަށެވެ. އެހެންކަމުން މި ރަމަޟާން މަހަކީ ހަޔާތުގައި ބައްދަލުވާނެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ދެކި، ނަފުސު އިސްލާހު ކުރުމުގެ އިޚްލާސްތެރި ނިޔަތުގައި، މި މިހާ ކުރިމަތިލާން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ފާއިތުވި ދުވަސްތަކުގައި ދުނިޔެއިން ވަކިވެގެންދިޔަ އެތައް ހާސް ބަޔަކަށްފަހު، މި ރަމަޟާންމަހުގައި، ދިރި ދުނިޔޭގައި ލެހެއްޓެވީތީ ޝުކުރު ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ މާތްﷲ ދެއްވި މަތިވެރި ފުރުސަތެއް ކަމަށާއި ފާފަތަކުން ތައުބާވެ، ތެދުވެރިކަމާއި، އިޚުލާސްތެރިކަމާއެކު ހެޔޮކަމައިގެން އެ މަހުގައި ކުރިއަރައި ދިއުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

"ސަލަފުއް ޞާލިޙުން ރަމަޟާން މަހާ ކުރަމަތީ، ލައްވާފައި ވަނީ، ހަމަ އެންމެ ހިނދިކޮޅެއް ވެސް ހެޔޮކަމުން، މަހުރޫމް ނުވާނެ ގޮތަށެވެ. ހެޔޮ އެއްވެސް ކަމެއް އެބޭކަލުން ދޫކޮށެއް ނުލައްވާ. އެގޮތުން ބައެއް ބޭކަލުން ކީރިތި ޤުރުއާން ކިޔަވައިވިދާޅުވުމައި މުޅި ވަގުތު ހޭދަކުރައްވާ،" ހުކުރު ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނިގޮތުގައި ސަލަފުއް ޞާލިޙުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަނެ، ހެޔޮކަމުގައި ހީވާގިވާން ޖެހެއެވެ. އެހެންނޫން ނަމަ، ޣާފިލުވެފައި ތިއްބައި، އިންޒާރެއްނެތި ކުއްލިއަކަށް މަރާ ކުރިމަތިލާން ޖެހި، ހެޔޮކަމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.

ހެޔޮކަމުގައި މޫސުންތަކުގައި ހެޔޮކަމުގައި އުޅުމަށް ލިބޭ ފުރުސަތަކީ، ފިސާރި ކުޑަ އަދި އެހާމެ އަގުބޮޑު ހިނދުކޮޅެއް ކަމަށާއި އޭގެ އަގުވަޒަން ކުރެވޭނީ އެ ފުރުސަތުން މަހުރޫމު ވާނެ ވަގުތުކަމުގައިވާ މަރު އައިސް ބައްދަލުކުރުމުން ކަމަށް ޚުތުބާގައި ބުންޏެވެ. އޭރުން ތައުބާގެ ފުރުސަތަކަށް އެދި އިންސާނާ އާދޭސް ކުރިނަމަވެސް އެ ވަގުތެއް އަނބުރާ ނުލިބޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

"ތިޔަބައިމީހުން ދަންނަ، އެއްފުރާގެ ޒުވާނުންކުރެ މި ވަގުތީ ހަޔާތް ވަކިވެފައި ވަނީ ކިތައް ޒުވާނުން؟ މަރަކާ ކުރިމަތިލައި، ތައުބާވުމުގެ ފުރުސަތު ގެއްލިފައި ވަނީ ކިތައް ޒުވާނުން؟ އެއްހާސް މައްސަރަށްވުރެ، ހެޔޮކަން ބޮޑު ލައިލަތުލްގަދްރި ހޯދުމުގެ މަތިވެރި ނިއުމަތުން މަހްރޫމުވެފައި ވަނީ ކިތައް ޒުވާނުން؟ މާތްﷲގެ އޯގާވަންތަކަމުން ތިބާ ތިޔަ ވަނީ އަދި މި ދުނިޔޭގަ، ބަރަކާތްތެރި ރަމަޟާން މަހުގެ ހިޔަލުގަ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މި ރަމަޟާން މަހަކީ ތައުބާވުމަށް އޮތް އެންމެ ފަހު ފުރުސަތަށް ވެސް ވެދާނެ ކަމަށެވެ. އެހެންކަމުން ރަމަޟާން މަހުގެ ނިދާއަށް އިޖާބަދޭން ޖެހޭ ކަމަށާއި ޢާފިލުކަމުގެ ނިދިން ހޭލައި، ހެޔޮކަމުގެ މޫސުމާ ކުރިމަތިލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

comment ކޮމެންޓް