އެންމެ އުފާވެރި ގައުމަކީ ފިންލެންޑް، ރާއްޖެ އޮތީ 87 ވަނައިގައި

ދުނިޔޭގައި މީހުން އެންމެ އުފަލުގައި ދިރިއުޅޭ ގައުމުތައް ހާމަކުރުމަށް އދ. އިން ކޮންމެ އަހަރަކު އާންމުކުރާ "ވޯލްޑް ހެޕިނެސް ރިޕޯޓް"ގެ ލިސްޓުގެ އެއްވަނައިގައި މި އަހަރުވެސް ފިންލެންޑް ހިމެނިއްޖެއެވެ.

އދ. އިން 2012 ވަނަ އަހަރުން ފެށިގެން "ސަސްޓެއިނަބަލް ސޮލިއުޝަން"ގެ ދަށުން ކޮންމެ އަހަރަކު އެކުލަވާލަމުން އަންނަ މި ރިޕޯޓުގައި ވިދިވިދިގެން ފިންލެންޑް އެއްވަނައިގައި ހިމެނިފައިވާ މިއީ ހަ ވަނަ އަހަރެވެ.

މިދިޔަ އަހަރާ ހިލާފަށް މިއަހަރުގެ ރިޕޯޓަށް 149 ގައުމަކުން މައުލޫމާތު ވަނީ އެއްކޮށްފައެވެ. މިދިޔަ އަހަރު މި ރިޕޯޓު އިންޑެކްސް ކޮށްފައިވަނީ 146 ގައުމުގެ މައުލޫމާތު ހިމަނައިގެންނެވެ.

އެންމެ އުފާވެރި ގައުމުތައް މިންކުރުމުގައިި މައިގަނޑު ފަސް ދާއިރާއަކުން ގައުމުތައް ދަރަޖަކޮށް ދިރާސާކުރެއެވެ. އެގޮތުން ގައުމެއްގެ އުފާވެރިކަން ވަޒަން ކުރުމަށް އެ ގައުމެއްގެ އާމްދަނީ އާއި ސޯޝަލް ސަޕޯޓުގެ އިތުރުން ދުޅަހެޔޮ ސިއްހަތާއި މިނިވަން ކަމާއި ދީލަތި ކަން އަދި ކޮރަޕްޝަންގެ މިންވަރަށް ބަލާނެއެވެ.

ލިސްޓުގެ އެންމެ ކުރީގައި ފިންލެންޑު އޮތްއިރު ލިސްޓުގެ ގަދަ 10ގައި ގިނައިން ހިމެނެނީ ޔޫރަޕުގެ ގައުމުތަކެވެ. އެގޮތުން ދެވަނައިގައި ޑެންމާކް ހިމެނޭއިރު ތިންވަނައިގައި ހިމެނެނީ ސްވިޓްޒަލެންޑެވެ. ލިސްޓުގެ ހަތަރުވަނަ އާއި ފަސްވަނައިގައި ހިމެނެނީ އައިސްލޭންޑާއި ނޯވޭއެވެ.

ރާއްޖެ ހިމެނެނީ 87 ގައި

އެންމެ އުފާވެރި 149 ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނެނީ 87 ވަނައިގައެވެ. އެއީ ލިސްޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ތިރިއެވެ. ރާއްޖެއަށް ވުރެ މަތިން 86 ވަނައިގައި އޮތީ ބަލްގޭރިއާއެވެ.

ރާއްޖޭގެ އަވަށްޓެރި ގައުމުތައް ކަމަށްވާ ސްރީ ލަންކާ އޮތީ ލިސްޓުގެ 126 ގައެވެ. އަދި އިންޑިއާ އޮތީ ދެ ގައުމަށް ވުރެ ވެސް ތިރީގައި 136 ދަރަޖައިގައެވެ.

ރާއްޖެއަށް ބަލާނަމަ މިދިޔަ އަހަރުގެ ލިސްޓުގައި ރާއްޖެ ހިމެނިފައެއް ނުވެއެވެ. ނަމަވެސް އޭގެ ކުރީ ދެ އަހަރަށް ބަލާނަމަ މި އިންޑެކްސް އިން ރާއްޖެއަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެގޮތުން 2020 ވަނަ އަހަރުގައި ރާއްޖެ އޮތީ ހަމަ 87 ވަނައިގައެވެ. އަދި 2021 ވަނަ އަހަރުގައި ވަނީ ދެ ދަރަޖަ ފަހަތަށް ވެއްޓި، ލިސްޓުގެ 89 ގައި ހިމެނިފައެވެ.

comment ކޮމެންޓް