ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު ބޭފުޅަކު ވާދަ ނުކުރުމުން، މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޓިކެޓު, އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ދޭން ނިންމައިފިއެވެ.

ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ އާންމު އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާ، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހު 16ވަނަ ދުވަހުއެވެ. އެ ޕާޓީން ބުނީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00އަށް ހަމަވީރިރު، ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅާފައި ވަނީ ގާސިމް އެކަނި ކަމަށެވެ.

އެހެންވެ، އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ 2008ވަނަ އަހަރާއި 2013ވަނަ އަހަރު ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމެވެ.

އެކަމަކު، އެ ދެ އިންތިޚާބުގައި ވެސް ދެވަނަ ބުރަކަށް ދާން ބޭނުންވާ ވަރަށް އޭނާއަށް ވޯޓު ލިބިފައެއް ނުވެއެވެ.

އާ ގާނޫނު އަސާސީ އެކުލަވައިލި ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވެސް ޖޭޕީން ގާސިމް ވާދަކުރައްވައެވެ. އޭނާއަށް ވާދަނުކުރެއްވުނީ ނިމިދިޔަ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކަންޏެވެ. އެ އިންތިޚާބުގައި އޭނާއަށް ވާދަނުކުރެއްވުނީ ޖަލު ހުކުމެއް އިއްވާފައި އޮތުމުންނެވެ. އެހެންވެ، އެ އިންތިޚާބުގައި އެ ޕާޓީން ނިންމީ އިދިކޮޅު އިއްތިހާދުގައި ބައިވެރިވެ، އިއްތިހާދުގެ ކެންޑިޑޭޓެއް ނެރޭށެވެ.

ޖޭޕީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަން އެކުގައި އިންތިޚާބަށް ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދައުވަތު ދެއްވާފައިވަނިކޮށެވެ. އެ މަނިކުފާނު ވަނީ ގާސިމްގެ ތާއީދު ހޯއްދެވުމަށް އޭނާއާ ތަކުރާރުކޮށް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

އެކަމަކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުރަސްމީ ގޮތެއްގައި ގާސިމަށް ތާއީދު ކުރައްވައިފައެވެ. އެ މަނިކުފާނަށް ތާއީދުކުރައްވައި މަޖިލީސް މެންބަރުން މިހާރު ގެންދަވަނީ ޖޭޕީއާ ގުޅިގެން ކޯލިޝަން އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް