ދިވެހިންނަށް އޮމާނުން އޮން އެރައިވަލް ވިސާ ލިބެން ފަށައިފި

ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެ ޤައުމަށް ދެވޭނެ އިންތިޒާމު މިއަދު ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ މީހުންނަށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެ ގައުމުގައި ތިބެވޭނެ ކަމަށެވެ.

ކުރިން ނަމަ، ވިސާއެއް ނެގުމަކާނުލައި އޮމާނަށް ދިއުމަށް ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސްގެ އިތުރުން ދެކޮޅު ޓިކެޓު އޮންނަން ވާނެއެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން ހަ މަސް ދުވަސް އޮންނަން ވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުން، ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި އޮމާނުން ރާއްޖެއަށް ދޭ ޚާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ހަމަޖައްސައިދިން ކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

އޮމާނުގެ އިތުރުން ގިނަ ގައުމުތަކަކުން މިހާރު ވެސް ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބެއެވެ. އެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ގައުމުތަކަކީ ކަޒަކިސްތާނާއި އިންޑޮނޭޝިއާއެވެ.

comment ކޮމެންޓް