ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ސީއެންއީއީސީ ކުންފުންޏާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން

އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ ހަންކެޑެ މަޝްރޫއު ސަރުކާރުން އިއުލާނު ކުރީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ނިމުމުން، އެ ތަން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފައެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް، ސަރުކާރު ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ސީއެންއީއީސީ ކުންފުންޏާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން

މި މަޝްރޫއުގެ އެއްބަސްވުމުގައި ޗައިނާގެ ސީއެންއީއީސީއާ އެކު ސޮއިކުރުމުގެ ފޮޓޯތަކެއް ހިއްސާކުރަމުން އެމްއެފްއެމްސީން ކުރި ޓުވީޓެއްގައި އެ ކޯޕަރޭޝަނުން ބުނީ އެ މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބިންގާ އެޅި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ހަރުދަނާކަމެއް އަންނާނެ ކަމަށެވެ.

ހަންކެޑެ ހުރިހާ ގޮތަކުން ވެސް ތަފާތު މަންޒިލަކަށް ވާނެ ކަމަށް ބުނެ މި މަޝްރޫޢު އިއުލާނުކޮށް، މި މަޝްރޫއުގެ ޑިޒައިންގެ ފޮޓޯ ހިއްސާކުރަމުން، މީގެ ކުރިން އެމްއެފްއެމްސީން ބުނީ މި މަޝްރޫއުގެ ދަށުން، ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން އޭރު ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ވަޒީފާތައް މެދުވެރިކޮށް އިންޓަގްރޭޓެޑް ޓޫރިޒަމުން މަންފާ ހޯދުމުގެ ފުރުސަތު އައްޑޫގެ ރައްޔިތުންނަށް ފަހިކޮށްދީ، ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ފަހި މާހައުލެއް ލިބިގެންދާނެއެވެ.

ހަންކެޑެގެ އިތުރުން ކ. ގާފަރުފަޅުގައި ވެސް ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތަށް ކަނޑައަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ސޮއިކުރައްވާ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ނެރުއްވި ގަރާރުގައެވެ.

comment ކޮމެންޓް