އެގްރޯނެޓްގެ އެމްޑީ ހާރޫން މަގާމުން ވަކިކޮށްފި

އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި ހާރޫން ރަޝީދު --

ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ގއ، ވިލިނގިލި، ހިޔަލީގެ، ހާރޫން ރަޝީދު ވަކިކޮށްފިއެވެ.

އެގްރޯނެޓަކީ ސަރުކާރުގެ ސަތޭކަ އިންސައްތަ ޙިއްޞާ އޮންނަ, މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ހާރޫން "ސަން"އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ މިއަދު ކަމަށެވެ.

ނިމިގެން ދިޔަ ދެ މަޖްލިސް އިންތިހާބުގައިވެސް ގއ. ވިލިނގިލީ ދާއިރާގެ މެމްބަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހާރޫން, އެގްރޯ ނެޓްގެ އެމްޑީއަކަށް އައްޔަނު ކުރެއްވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމް ވެސް ފުރުއްވި ހާރޫން ވަނީ އެސްއެޗްއާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެންޓްރެކް މޯލްޑިވްސްގެ މެނޭޖަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

އެގްރޯނެޓްގެ އެމްޑީ ހާރޫން މަގާމުން ވަކިކޮށްފައިމިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ނުކުރައްވާ ބޭފުޅުން މަގާމުން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހާރޫން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވަން ނިންމަވައި ކެމްޕެއިންގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އިންތިހާބުން ބަލިވެވަޑައިގަތުމުން އެކަން ގަބޫލު ނުކުރައްވާ ރައީސް ނަޝީދު އަންނަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ރައީސް ޞާލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

އެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވެސް އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކި ކުރައްވާފައެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދު ވެސް މަގާމުން ވަކިކޮށްފައެވެ.

comment ކޮމެންޓް