ރިޔާޟް (30 މާޗް 2023): ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ ސަރަހައްދީ ޖަމްއިއްޔާއެއް ކަމަށްވާ "ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން"ގައި ބައިވެރިވުމަށް ސައޫދީ އަރަބިޔާއިން ނިންމައިފިއެވެ.
ސައޫދީ ރަސްމީ ނޫސްއެޖެންސީ "ވާސް" ބުނާގޮތުން ސައޫދީ ސަރުކާރުގެ ގިނަ ވުޒާރާތަކެއްގެ އެދުމުގެ މަތިން ސައޫދީ ވަޒީރުންގެ މަޖިލީހުން އިއްޔެވަނީ "ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން"ގައި ބައިވެރިވުމަށް އެދި ހުށަހެޅުމަށް ނިންމާފައެވެ. މިނިންމުން ނިންމި ސައޫދީ ވަޒީރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.
ސައޫދީ ވަޒީރުންގެ މަޖިލީހުގެ މިނިންމުމާއެކު ސައޫދީ ސަރުކާރުން އެދޭނީ "ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން" ޖަމްއިއްޔާގެ ޑައިލޮގް ޕާޓްނަރު ސްޓޭޓަސް ނުވަތަ މަޝްވަރާގެ ބައިވެރިއެއްގެ ދަރަޖަ ހޯދުމަށް ކަމަށް އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނެއެވެ.

ސައޫދީ ވަޒީރުންގެ މަޖިލިސް
"ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން" އަކީ ދުނިޔޭގައި ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަން ހޯދުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އުފައްދާފައިވާ ޖަމްއިއްޔާ ޖަމާއަތް އަދި އިއްތިޙާދުތައް ގޮތަށް ހަރަކާތްތެރިވުމަށާއި ހުޅަނގުގެ އެފަދަ އިއްތިހާދުތަކާއި ޖަމާއަތްތަކާ ވާދަކުރުމަށް ޗައިނާ އިސްވެ އޮވެގެން 2001 ވަނަ އަހަރުގެ ޖޫންމަހު އުފައްދާފައިވާ އިއްތިޙާދެކެވެ.
މި އިއްތިޙާދުގައި މިހާރު 20 ގައުމު ހިމެނެއެވެ. އޭގެތެރޭގައި ފައުންޑާ މެންބަރުންގެ ގޮތުގައާއި ފުރިހަމަ މެންބަރުންގެ ގޮތުގައި ތިބޭ ހަ ގައުމާއި އޮބްޒާވަރުންގެ ގޮތުގައި ތިބޭ ހަ ގައުމާއި ޑައިލޮގް ޕާޓްނަރުން ނުވަތަ މަޝްވަރާ ބައިވެރިންގެ ދަރަޖާގައި ތިބޭ އަށް ގައުމު ހިމެނެއެވެ. ފައުންޑާ މެންބަރު ގައުމުތަކަކީ ޗައިނާ، ރަޝިޔާ، ކަޒަޚިސްތާން، ކިރްގިޒިސްތާން، އުޒްބެކިސްތާން އަދި ތަޖިކިސްތާނެވެ.
ފުރިހަމަ މެންބަރުންގެ ގޮތުގައިވެސް އަދި ތިބީ މި ހަ ގައުމެވެ. ނަމަވެސް އޮބްޒާވަރުންގެ ގޮތުގައި އިންޑިއާ، ޕާކިސްތާން، މެންގޯލިއާ، އީރާން، އަފްޣާނިސްތާން އަދި ބެލަރޫސް ހިމެނެއެވެ. ޑައިލޮގް ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ ތުރުކީ، ސްރީލަންކާ، ކެންބޯޑިއާ، އަޒަރުބައިޖާން، އާމީނިއާ، ނޭޕާލް، މިސްރު އަދި ގަތަރެވެ. ސައޫދީއަށްވެސް ފުރަތަމަ ލިބޭނީ ޑައިލޮގް ޕާޓްނަރެއްގެ ދަރަޖައެވެ. އެއަށްފަހު ދެން އޮބަޒާވަރެއްގެ ދަރަޖައެވެ.
ފުރިހަމަ މެންބަރެއްގެ ދަރަޖަ ލިބޭނީ އަހަރުތަކެއް ފަހުންނެވެ. "ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން" ގައި ސައޫދީން ބައިވެރިވުމަށް މި ނިންމީ ޗައިނާ މެދުވެރިއަކަށް ވެގެން ސައޫދީ އާއި އީރާނާ ދެމެދު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ ތިން ހަފުތާ ވެސް ނުވަނީހެވެ. މިއީ ދުނިޔޭގެ ޖިއޮޕޮލިޓިކްސްގައި ޗައިނާގެ ފަޅިއާ ސައޫދީ ގާތްވަމުންދާކަމުގެ ހެއްކެއް ކަމަށް މުރާސިލުން ބުނެއެވެ.