ޣާޒީ ބިލްޑިން ތަޅާލައި ޕާކިން އޭރިއާއެއް ހަދަނީ

ގާޒީ ބިލްޑިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ޣާޒީ ބިލްޑިން ތަޅާލުމަށް ފަހު އެ ބިމުގައި ޕާކިން ޒޯނެއް ގާއިމު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މި ކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ، ޣާޒީ ބިލްޑިން ތަޅާލަން ނިންމާފައި ވަނީ އެ ތަން ބޭނުން ނުކުރެވޭ ވަރަށް ބާވުމުން ކަމަށެވެ.

"އެއީ މިހާރު ބޭނުންކުރަން އެންމެ ރައްކާތެރި ތަނެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އެ އިމާރާތުގައި މިހާރު ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހާއި މޯލްޑިވެސް ކަރެކްޝަނަލް ސާވިސް އަންނަނީ ހިންގަމުންނެވެ.

އޭނާ ވިދާޅުވީ، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާނީ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. އަދި އެއަށް ފަހު ވީ އެންމެ އަވަހަކަށް ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ނޭނގެ ޕާކިން ޒޯން ހަދަން ފެށޭނެ ދުވަހެއް. ޖޫން މަހުގެ ތެރޭ ތަޅާލާނީ އެއަށް ފަހު ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފަށާނެ،" އޭނާ ވިދާޅުވިއެވެ.

ޕާކިންގެ މައްސަލަ މާލޭގައި ބޮޑުވެފައި ވާއިރު، ސަރުކާރު އޮފީސްތައް ހިންގި ހުރަވީ ބިލްޑިން ވެސް މިދިޔަ އަހަރު ވަނީ ތަޅާލައިފައެވެ. އެ އިމާރާތް ވެސް ތަޅާލީ ބާވެ ބޭނުން ނުކުރެވޭ ވަރު ވުމުންނެވެ. އަދި ތަޅާލުމަށް ފަހު، އެ ބިމުގައި ވެސް ވަނީ ޕާކިން ޒޯނެއް ހަދައިފައެވެ.

ސަރުކާރުގެ އޮފީސްތައް ހިންގަން ދާދި ފަހުން ހުޅުމާލޭގައި ވަނީ އުމަރު ޒާހިރު ބިލްޑިންގެ ނަމުގައި އިމާރާތެއް ހުޅުވައިފައެވެ.

comment ކޮމެންޓް