އީލޮން މަސްކްގެ ނިއުރާލިންކުން، އެމެރިކާގެ އެންމެ ބޮޑު ނިއުރޯސާޖަރީ ސެންޓަރާ ގުޅިއްޖެ

ދުނިޔޭގެ އެންމެ މުއްސަންދި މީހާ އީލޮން މަސްކާއި ނިއުރާލިންކުގެ އިމްޕްލާންޓް ޓެކްނޮލޮޖީ ދައްކުވައިދޭ މަންޒަރެއް -- ފޮޓޯ/މޭޝަބަލް

އިންސާނުންގެ ސިކުނޑި އިމްޕްލާންޓް ކުރުމަށް ތައްޔާރުވަމުންދާ އީލޮން މަސްކުގެ ނިއުރާލިންކް ކުންފުނިން އެމެރިކާގެ އެންމެ ބޮޑު ނިއުރޯސާޖަރީ ސެންޓަރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އޮންލައިން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ނިއުރަލިންކް އިން ވަނީ އިންސާނުންގެ ކްލިނިކަލް ޓްރައިލްތަކުގެ ޕޮޓެންޝަލް ޕާޓްނަރެއްގެ ގޮތުގައި އެމެރިކާގެ އެރިޒޯނާގެ ފީނިކްސްގައި ހުންނަ ބާރޯ ނިއުރޮލޮޖިކަލް އިންސްޓިޓިއުޓާ ގުޅިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްގެ ނިއުރާލިންކުން މި ފިޔަވަޅު އަޅާފައިމިވަނީ ރައްކާތެރިކަމުގެ ބޮޑެތި ކަންބޮޑުވުންތަކާ ގުޅިގެން 2022 ވަނަ އަހަރުގެ ކުރީކޮޅު އިންސާނުންގެ ޓްރައިލްތަކަށް ކުރިއަށް ދިއުމަށް ނިއުރަލިންކުން ހުށަހެޅި މައްސަލަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދެކޮޅު ހެދުމުން އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވެއެވެ.

ނިއުރަލިންކުން 2016 ވަނަ އަހަރުން ފެށިގެން އިންސާނުންގެ ސިކުނޑީގެ އިމްޕްލާންޓްތައް ތަރައްގީ ކުރަމުން އަންނައިރު، އެ ކުންފުނީގެ މި މަސައްކަތަކީ ޕެރަލިސިސް (ވާގި ނެތުން) އާއި ލޯފަންވުން ފަދަ ފަރުވާ ނުކުރެވޭ ހާލަތްތަކަށް އިންސާނުން ދިއުމުން ރަނގަޅު ކުރެވޭނެ ފަރުވާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެފްޑީއޭގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ތަފާތު ވިސްނުންތަކާއެކު އެ ކުންފުނިން މަސައްކަތް ކުރަމުން އައި ނަމަވެސް އެކަން ކާމިޔާބުވާނީ ކޮން އިރަކު ކަމެއް ސާފެއް ނުވެއެވެ.

ބާރޯ ނިއުރޮލޮޖިކަލް އިންސްޓިޓިއުޓަކީ ނިއުރޯލޮޖިކަލް ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ދިރާސީ އިންސްޓިއުޓެކެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ނިއުރާލިންކުން އެހެން މަރުކަޒުތަކާ ވެސް ޕާޓްނަޝިޕް ހަދަން މަޝްވަރާކޮށްފައިވާ ކަމަށް ޚަބަރުތައް ފެތުރިފައިވާއިރު، ބާރޯއާ އެކު ކުރެވޭ މަޝްވަރާތަކުގެ ސަބަބުން އެކަމަށް ވެސް އެއްބާރުލުން ލިބޭނެ ކަމަށް ބެލެވެއެވެ. ނިއުރާލިންކްގެ މަންދޫބުން ވަނީ އެކަމާ ގުޅޭ ގޮތުން މީޑިއާއަށް އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

ބާރޯގެ ސެންޓަރ ފޯ ނިއުރޯމޮޑިއުލޭޝަން އެންޑް ނިއުރޯސާޖަރީ ރެޒިޑެންސީ ޕްރޮގްރާމްގެ ޑިރެކްޓަރު ފްރާންސިސްކޯ ޕޮންސް އާއި ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ނިއުރާލިންކާ ބެހޭ ގޮތުން ސީދާ ވަކި އެއްޗެއް ބުނަން ދެކޮޅު ހެދި ނަމަވެސް އިމްޕްލާންޓް ރިސާޗްގެ ދާއިރާއިން ބާރޯގެ ދިގު ޓްރެކް ރެކޯޑެއް އޮތް އިރު، އެފަދަ ދިރާސާތައް ކުރުމަށް ރަނގަޅު ހާލަތެއްގައި އެ އިންސްޓިއުޓް މިވަގުތު އޮތްކަމަށްވެއެވެ.

އެފްޑީއޭ އިން ވެސް ވަނީ ނިއުރާލިންކުން އެ ކުންފުނީގެ ކްލިނިކަލް ޓްރައިލްތަކަށް ބައިވެރިއަކު ހޯދުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ. ނަމަވެސް އެ ކުންފުނީގެ އަމަލުތަކާ ބެހޭ ގޮތުން އެމެރިކާގެ ފެޑެރަލް ދެ ތަހުގީގެއް ވެސް އެ ކުންފުންޏަށް ކުރިމަތިވެފައިވެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާގެ އިންސްޕެކްޓަރު ޖެނެރަލް ވަނީ އިންސާނުންނާއި، ޖަނަވާރުތަކުގެ ރައްކާތެރިކަމާ ހިލާފުވެދާނެ، ނިއުރަލިންކްގެ މައްސަލަތަކެއް މިދިޔަ އަހަރު ތަހުގީގު ކުރަން ފަށާފައެވެ.

ނިއުރަލިންކުން ކްލިނިކަލް ޓްރައިލްތަކަށް ބައިނަލްއަޤުވާމީ ފެންވަރުގެ ބާރުގަދަ ބައިވެރިއަކު ކާމިޔާބުކަމާއެކު ހޯދައިފިނަމަ، މިއީ ސިކުނޑި އިމްޕްލާންޓް އުފެއްދުމަށް އެކުންފުނިން ރާވާފައިވާ ބޮޑު ޕްލޭންތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން ކުރިން ފަރުވާ ނުލިބޭނެ ކަމަށް ބެލެވުނު ހާލަތްތަކަށް ފަރުވާއެއް ހޯދައިދީ ސިއްހީ ދާއިރާއަށް އިންގިލާބެއް ގެނައުމުގެ ކުރިމަގެއް އެބައޮތެވެ. ނަމަވެސް މި ޓެކްނޮލޮޖީއާ މެދު ވެސް ޚިޔާލުތަފާތުވުން އުފެދިފައިވާއިރު، ސިކުނޑީގައި އިންޕްލާންޓް ކުރުމުން އިންސާނާގެ ސިއްހަތަށް ދިގު މުއްދަތަކަށް ކުރާނެ އަސަރުތަކާ މެދު ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ނިއުރާލިންކުން ރެގިއުލޭޓަރީ ގޮންޖެހުންތަކާއި ގާނޫނީ ތަހުގީގުތައް ކުރިއަށް ގެންދާއިރު، ކުންފުނީގެ މުސްތަގުބަލާ މެދު ޔަގީންކަމެއް ނެތެވެ. ނަމަވެސް ކްލިނިކަލް ޓްރައިލްތަކަށް ނިއުރޯސާޖަރީ ސެންޓަރަކާ ޕާޓްނަރޝިޕް ހަދަން ކުރާ މަސައްކަތުގައި ކާމިޔާބު ވެއްޖެނަމަ އެއީ އިމްޕްލާންޓް ރިސާޗްގެ ދާއިރާއަށާއި ސިއްހީ ފަރުވާގެ މުސްތަގުބަލަށް ބޮޑު ކުރިއެރުމަކަށް ވެދާނެއެވެ.

comment ކޮމެންޓް