ޖޭއެމްސީގެ މުވައްޒަފުންނަށް މުސާރަ ނުދީގެން އިންޑިއާ ހައިކޮމިޝަން ކުރިމަތީ އިހުތިޖާޖުކޮށްފި

އިންޑިއާގެ ޖޭއެމްސީ މުވައްޒަފުން އިންޑިއާ ހައިކޮމިޝަން ކައިރީ އިހްތިޖާޖުކުރަނީ -- ފޮޓޯ/ ސޯޝަލް މީޑިއާ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރި ފްލެޓުތަކުގެ މަސައްކަތްކުރާ އިންޑިއާގެ މަސައްކަތު މީހުންނަށް މުސާރައާއި ކެއުން ނުދީގެން އެ މީހުން ހުޅުމާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކުރިމަތީ މިއަދު އިހްތިޖާޖުކޮށްފިއެވެ.

ގިނަ އަދަދެއްގެ މަސައްކަތު މީހުންވަނީ ހައިކޮމިޝަން ސަރަަހައްދަށް އެއްވެފައެވެ. ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ އެ ތަނަށް އެއްވެ ތިބި މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރިއެެވެ.

މީގެ ތެރެއިން ބައެއް މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި އެ މީހުންނަށް އެތައް މަސް ދުވަހެއްގެ މުސާރަ އަދިވެސް ނުދެއެވެ.

ހަމައެއާއެކު ކެއުންބުއިމުގެ ކަންކަމުގައި ސިއްހީ ރައްކާތެރިކަމާ މެދު އެއްވެސް މިންވަރަކަށް ނުވިސްނާކަމަށް ބުންޏެވެ.

"އަހަރެމެންނަށް އަދިވެސް މުސާރަ ވެސް ނުދޭ. ކާން ވެސް ދެނީ ވަރަށް ފެންވަރު ދަށްކޮށް. ސުޕަވައިޒަރުން ކަނީ މޭޒު މަތީ. އަހަރެމެންނަށް ކާން ވެސް އަތުރަނީ ވެލިގަނޑުގައި. ކުރިމަތިވެދާނެ އެއްވެސް ނުރައްކަލަކަށް ނުވެސް ވިސްނާ،" މަސައްކަތު މީހަކު ކިޔައިދިނެވެ.

28 މާޗު 2023: އިންޑިއާގެ ޖޭއެމްސީ މުވައްޒަފުން މަސައްކަތު ސައިޓުގައި އިހްތިޖާޖުކުރަނީ -- ސަން ފޮޓޯ/ ނާއިލް ހަފީޒް

އެ މީހުން ބުނީ އެ މީހުންގެ އިސް ސުޕަވައިޒަރުންނާ ބައްދަލުކުރަން މަސައްކަތްކުރުމުން އެ ފުރުސަތު ވެސް ނުދޭކަމަށެވެ. އެ ކަމުގެ ނުރުހުން ވެސް ގިނަ ބަޔަކު ފާޅުކުރިއެވެ.

އިއްޔެ ވެސް އެ މީހުން ވަނީ ހުޅުމާލޭގައި ހުންނަ މަސައްކަތު ސައިޓުގައި އިހުތިޖާޖުކޮށްފައެވެ. އިއްޔެ ހަވީރު އެ އިހުތިޖާޖުކުރީ ޖޭއެމްސީގެ އިސް މީހަކު އެ ސައިޓަށް ދިޔަ ވަގުތާ ދިމާކޮށެވެ.

މި ކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އޮފިޝަލަކު "ސަން'އަށް ވިދާޅުވީ އެ މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް ވެސް އައިސްފައިވާކަމަށެވެ.

އަދި އެ ކަން ހައްލުކުރަން މިހާރު މަސައްކަތްކުރަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެފްޑީސީގެ އަމާން އުދަރެސް ފްލެޓްތަކުގެ ތެރެއިން އާންމު ބޯހިޔާވަހިކަމަށް އިމާރާތްކުރެވޭ ޖުމްލަ 32 ޓަވަރުގެ ތެރެއިން 16 ޓަވަރަކީ ޖޭއެމްސީއާ މަސައްކަތް ހަވާލުކޮށްގެން އިމާރާތްކުރާ 16 ޓަވަރެވެ.

comment ކޮމެންޓް