ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކި ކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ޝިފާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
އޭނާ މަގާމުން ވަކި ކޮށްފައިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށާފައި ވަނިކޮށެވެ.
ޝިފާޒަކީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި، އެ މަނިކުފާނު ހިންގަވާ 'ފިކުރެއްގެ ދިރުން' ހަރަކާތުގްއި ވެސް އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅާއެވެ.
އޭނާގެ އިތުރުން، އެ ފެކްޝަންގައި މަސައްކަތް ކުރައްވާ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަމްރު ވެސް މަގާމުން ވަކިކޮށްފައިވަނީ ސަރުކާރުގައި ހުންނަވައިގެން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހުގައި ވެސް ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ރައީސް ޞާލިޙަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވައިފައެވެ.
'ފިކުރެއްގެ ދިރުން' ނަމުގައި އެ ބޭފުޅުން އެމްޑީޕީ ތެރޭގައި ހިންގަވާ ހަރަކާތުން ވަނީ މި އަހަރުގެ އިންތިޚާބުގައި ޖޭޕީއާ އެކު ކުރިއަށް ދާން ނިންމައިފައެވެ. އެހެންވެ، ގުޅިގެން މެނިފެސްޓޯއެއް އެކުލަވައިލުމުގެ މަޝްވަރާތައް މިހާރު އަންނަނީ ކުރަމުންނެވެ.