ހަތް ވަނަ ރޯދަ: ލޯކަލް މާރުކޭޓު ފަޅަށް

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައ ކާބޯތަކެތި ފުރިފައި. އެކަމަކު މީހުން މަދު --- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ ދެތިން އަހަރު ކުރިން ވެސް ބާޒާރުމަތީގައި ހުންނަ ލޯކަލް މާރުކޭޓު ނުވަތަ ދަތުރުވެރިންގެ މާރުކޭޓަކީ އެންމެ ޑިމާންޑު ބޮޑު ތަނެވެ. ވަކިން ޚާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، އެ މާރުކޭޓުގައި ހުންނަ ގޮޅިތަކަށް އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ. ނަމަވެސް މިއަދު މިވަނީ އެމަންޒަރު ބަދަލުވެފައެވެ.

މި ރޯދަ މަސް ފެށުނީއްސުރެ، ލޯކަލް މާރުކޭޓުން ފާހަގަވި އެއް ކަމަކީ ކުރިއަށް ވުރެ އެތަނަށް ކާބޯތަކެތި ގަންނަން އަންނަ ޢާންމުން މަދުކަމެވެ. ނަމަވެސް އެއާ ޚިލާފަށް، އަމީނީމަގުގައި ހުންނަ މޭވާ އާއި ތަރުކާރީ ވިއްކާ މާރުކޭޓްފަދަ މާލެ ތެރޭގައި ހުންނަ މާރުކޭޓްތަކަށް ޑިމާންޑް މާ ބޮޑެވެ.

ބާޒާރުމަތީގައި ހުންނަ ލޯކަލް މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު "ސަން" އާ ވާހަކަ ދައްކަމުން ބުނީ މިހާރު އެތަނަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މާލެ ތެރޭގެ އެކި ސަރަހައްދުތަކުގައި ކުދިކުދި މާރުކޭޓުތައް އުފެދި، ޢާންމުންނަށް އެތަންތަނުން ބާޒާރުމަތިން ލިބޭ އަގާއި ދާދި އެއްވަރަކަށް ތަކެތި ލިބުން ކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުން ބުނޭ އަގު ބޮޑޭ. އެކަމަކު އަޅުގަނޑުގެ މިތަނުން ކަރާ ކިލޯއެއް ވިއްކާ އަގަށް އެތަނުން [އަމީނީ މަގުގައި ހުންނަ މާރުކޭޓުން] ވެސް ވިއްކާ. އެހެންވީމާ އެސަރަހައްދުގައި އުޅޭ މީހުން ދޭ އެތަނަށް،" ބާޒާރުމަތީގައި ހުންނަ ލޯކަލް މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

ކުރިން ޢާންމުން ބާޒާރުމައްޗަށް ދަނީ މާލެ ތެރޭގައި އެފަދަ ތަކެތި ވިއްކާ ތަންތަން މަދުވުންނެވެ.

"މިހެން ބުންޏަސް، އަސްލު މިހާރު ވެސް ރަނގަޅީ ބާޒާރު މަތީގައި ހުންނަ ތަންތަން. އެއްގަމު ތެރޭގައި [މާލޭ ތެރޭގައި] ހުންނަ ތަންތަން އަދި ވެސް އަގު ބޮޑު ބާޒާރު މައްޗަށް ވުރެ. އެކަމަކު ވަގުތު ވެސް މުހިއްމުތާދޯ،" ޢާންމު މީހަކު އޭނާގެ ޚިޔާލު "ސަން" އާ ހިއްސާ ކުރިއެވެ.

އަމީނީ މަގުގައި ހުންނަ މާރުކޭޓުން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެތަނަށް އޮންނަ ޑިމާންޑް ބޮޑު ނަމަވެސް، އެންމެ ހިތްހަމަ ޖެހޭ ވަރަށް ތަކެތި ނުވިއްކޭ ކަމަށެވެ. އެހެން ނަމަވެސް، މެންދުރު ނަމާދުން ފައިބައިގެން އޮންނަ ވަގުތަކީ އެތަނަށް ޑިމާންޑް އެންމެ ބޮޑު ވަގުތު ކަމުގައި އޭނާ ބުންޏެވެ.

މިއަދުގެ އަގުތައް

ބާޒާރުމަތީގެ އަގުތައް ދައްކާ ގޮތުން މިއަދު އެންމެ އަގު ހެވީ ކިއުކަމްބާއެވެ. އެގޮތުން މީގެ ދެތިން ދުވަސް ކުރިން 65 ރުފިޔާއަށް ވިއްކަމުން އައި ކިއުކަމްބާ ކިލޯއެއް މިއަދު އުޅެނީ 40 ރުފިޔާ އާއި 45 ރުފިޔާ ދެމެދުއެވެ. ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު، ލެޓިއުސް ކިލޯއެއް 80 އަށް އުޅޭއިރު، ކޮޕީ ފަތް ބޮނޑި އެއް ޢާންމުކޮށް އުޅެނީ 10 ރުފިޔާއަށެވެ.

comment ކޮމެންޓް