ދެ ކޮމަންޑޫ ގުޅުވާލާ މަޝްރޫއުގެ ޖިއޯ ޓެކްނިކަލް ސާވޭ ނިމި، ފައުންޑޭޝަން އަޅަން ތައްޔާރުވަނީ

ދެ ކޮމަންޑޫ ގުޅާލާ މަޝްރޫއުގެ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތްތައް ނިންމާލުން --

ށ. ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅުވާލުމަށް ހިންގާ މަޝްރޫއުގެ ޖިއޯޓެކްނިކަލް ސާވޭ ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ދެ ކޮމަންޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.

އެމްޓީސީސީން މިއަދު ބުނީ ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖުގެ ފައުންޑޭޝަން އެޅުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމުގައި އެ ކުންފުނިން ބުންޏެވެ.

ދެ ކޮމަންޑޫ ގުޅާލާ މަޝްރޫޢުގެ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތްތައް ނިންމާލުން --

ޖުމުލަ 249 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަސް (ދެ އަހަރު) ތެރޭގައި ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

މަތިކޮމަންޑޫ ބިން ހިއްކާ ނިމުމުން އެ ރަށާ އެއްފަޅެއްގައި އޮންނަ ކޮމަންޑޫއާ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ގުޅާލާނެއެވެ.

comment ކޮމެންޓް