ރަމަޟާން ކްރިކެޓް ކާނިވަލް: މިއަދު ކުޅުނު މެޗްތަކުން ޝުގާކޯން އާއި މީޓިއޯސް މޮޅުވެއްޖެ

ރަމަޟާން ކްރިކެޓް ކާނިވަލް މުބާރާތުގައި މިއަދު ކުޅުނު މެޗްތަކުގެ ތެރެއިން--- ފޮޓޯ/ކްރިކެޓް ބޯޑް

މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގައި މިއަދު ކުޅުނު މެޗްތައް ޝުގާކޯން އާއި މީޓިއޯސް ކާމިޔާބުކޮށްފިއެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ، ޝުގާކޯން އާއި ވާރެވެ. މި މެޗް ޝުގާކޯންއިން ކާމިޔާބުކުރީ 6 ލަނޑުންނެވެ. ޓޮސް ދިމާވުމުން ޝުގާކޯންއިން ކުޅެން އަރައި 8 އޯވަރު ހަމަވިއިރު، ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 89 ލަނޑެވެ. މި އިނިންގްގައި ޝުގާކޯންއަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 29 ލަނޑު ހެދި އަހުމަދު އާމިރެވެ.

ޖަވާބުގައި ވާރު ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ 83 ލަނޑެވެ. ވާރަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 30 ލަނޑު ހެދި މުހަންމަދު ޖިނާހެވެ.

މިއަދު ކުޅުނު ދެވަނަ މެޗްގައި ޕޮލިސް ކްލަބާއި، މީޓިއޯސްގެ ކުރިމަތިލުން މީޓިއޯސް ކާމިޔާބުކުރީ 37 ލަނޑުންނެވެ.

ޓޮސް ދިމާވުމުން މީޓިއޯސް ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ، 122 ލަނޑެވެ. މީޓިއޯސްއަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 57 ލަނޑު ހެދި އިބްރާހިމް އަލީއެވެ.

ޖަވާބުގައި ޕޮލިސް ކްލަބް ކުޅެން އަރައި 8 އޯވަރު ހަމަވިއިރު، 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ 85 ލަނޑެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ ކުޅުން މާދަމާވެސް ކުޅިވަރު އެކުވެނި ދަނޑުގައި އޮންނާނެއެވެ. މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އޮފްއެފްސީ އާއި ކިންޒާ އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އޭއާރުސީ އާއި މެރީކޯނާ އެވެ.

comment ކޮމެންޓް