އިންޑިއާއިން ޓީ20 ކްރިކެޓު ވޯލްޑް ކަޕް ކާމިޔާބުކޮށްފި

2024 ވަނަ އަހަރުގެ ޓީ 20 ކްރިކެޓް ވޯލްޑް ކަޕްގެ ތައްޓާ އެކު އިންޑިއާގެ ކުޅުންތެރިން -- ފޮޓޯ/ ނިއުސް18

އައިސީސީ ޓީ ޓުވެންޓީ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދާފައިވަނީ ރޭ ބާބަޑޮސްގައި ކުޅުނު ފައިނަލް މެޗުގައި ދެކުނު އެފްރިކާއާ ބައްދަލުކޮށް ހަތް ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. އިންޑިއާއިންވަނީ 13 އަހަރަށް ފަހު ކްރިކެޓް ވޯލްޑް ކަޕްގެ ތައްޓެއް އުފުލާލައިފައެވެ.

ބްރިޖުޓައުންގެ ކެންސިންޓަން އޯވަލްގައި ކުޅުނު ފައިނަލް މެޗުގެ ޓޮސް އިންޑިއާއަށް ދިމާވުމުން އެ ޓީމުން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 176 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެހާ ރަނގަޅު ކުޅުމެއް ދެއްކިފަނުވާ ވިރާތު ކޯލީއެވެ. އޭނާ ވަނީ މެޗުގައި 76 ލަނޑު ހަދައިދީފައެވެ.

މީގެ އިތުރުން، ސުރްޔަކުމާރު ޔާދަވުވަނީ މެޗުގައި 47 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި ދެކުނު އެފްރިކާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 23 ލަނޑަށް ދެ ވިކެޓް ނަގައިދިން ކޭޝަވު މަހަރާޖާއި ހަތަރު އޯވަރު 26 ލަނޑަށް ދެ ވިކެޓް ނަގައިދިން އެންރިޗު ނޯޓްޖައެވެ.

ޖަވާބުގައި ދެކުނު އެފްރިކާއިން ކުޅެން އަރާ 20 އޯވަރު ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 169 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 52 ލަނޑު ހަދައިދިން ހެއިންރިކް ކްލާސެންއެވެ. އަދި، ކުއިންޓަން ޑި ކޮކްވަނީ 39 ލަނޑު އެ ޓީމަށް ހަދައިދީފައެވެ. މެޗުގެ ފަހު 24 ބޯޅައަށްވީއިރު މެޗުން މޮޅުވާނެކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނީ ދެކުނު އެފްރިކާއެވެ.

ނަމަވެސް، އެހާ ހިސާބުން ކްލާސެންގެ ވިކެޓު ގެއްލުމާ އެކު އިންޑިއާ ކޮޅަށް މެޗުގެ އޮއެވަރު ބަދަލުވާން ފަށައިފިއެވެ.

މި އީނިންގްސްގައި އިންޑިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 20 ލަނޑަށް ތިން ވިކެޓް ނެގި ހަރުދިކު ޕާންޑްޔާއެވެ. އަރްޝްދީޕު ސިންއާއި ޖަސްޕްރީތު ބުމްރާވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ވިކެޓް ނަގައިދީފައެވެ.

މި ކާމިޔާބީއާ އެކު އިންޑިއާގެ ކުޅުންތެރިން އުފާފާޅުކުރިއިރު، މިއީ 2011 ވަނަ އަހަރު 50 އޯވަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އިންޑިއާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ވޯލްޑް ކަޕް ތައްޓެވެ. މިއީ ޓީ ޓުވެންޓީ ކްރިކެޓް ވޯލްޑް ކަޕްގެ ތަށި އިންޑިއާއިން އުފުލާލި ދެވަނަ ފަހަރެވެ.

އެ ޓީމުން އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ 2007 ވަނަ އަހަރު ބޭއްވި ޓީ ޓުވެންޓީގެ ފުރަތަމަ ކްރިކެޓް ވޯލްޑް ކަޕެވެ. އިންޑިއާއިން މުބާރާތް ކާމިޔާބުކޮށްފައިވަނީ އަމިއްލަ ޤައުމުގައި ބޭއްވި 50 އޯވަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލްގައި އޮސްޓްރޭލިއާ އަތުން ބަލިވިތާ އަށް މަސް ފަހުންނެވެ.

comment ކޮމެންޓް