ވޯލްޑް ކަޕް ކާމިޔާބުކޮށް، ކޯލީއާއި ރޯހިތު ޓީ20 ގައުމީ ޓީމުން ރިޓަޔާކޮށްފި

ފަހަކަށް އައިސް އިންޑިއާ ދުށް އެންމެ މޮޅު ދެ ބެޓްސްމަނުން ކަމުގައިވާ ވިރާތު ކޯލީއާއި ރޯހިތު ޝަރުމާ ބައިނަލްއަޤްވާމީ ޓީ ޓުވެންޓީ ކްރިކެޓުން ރިޓަޔާކޮށްފިއެވެ.

ދެ ކުޅުންތެރިން ކްރިކެޓްގެ މި ފޯމެޓުގެ ބައިން ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ ޓީ ޓުވެންޓީ ކްރިކެޓް ވޯލްޑް ކަޕްގެ ތަށި ރޭ އުފުލާލުމަށް ފަހުއެވެ.

ކޯލީ ވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި 76 ލަނޑު ހަދައިދީ ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހާސިލްކޮށްފައެވެ. އަދި، ރޯހިތު ވެފައިވަނީ 2011 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގެ ތަށި އުފުލާލި އިންޑިއާގެ ފުރަތަމަ ކެޕްޓަނަށެވެ. އުމުރުން 37 އަހަރު ރޯހިތާއި 35 އަހަރުގެ ކޯލީއަކީ ބައިނަލްއަޤުވާމީ ޓީ ޓުވެންޓީ ކްރިކެޓްގައި އެންމެ ގިނައިން ލަނޑު ހަދާފައިވާ ދެކުޅުންތެރިންނެވެ.

ރޯހިތު ހާމަކުރިގޮތުގައި އޭނާ އިންޑިއާގެ ކެރިއާ ފެށީ ވެސް މި ފޯމެޓުން ކަމަށާއި މިހާރު މި ފޯމެޓުގެ ވޯލްޑް ކަޕްގެ ތަށި ކެޕްޓަންގެ ހައިސިއްޔަތުން ކާމިޔާބުކޮށް ބޭނުންވީ ޝުކުރު އަދާކުރާށެވެ. ރޯހިތު ހާމަކުރި ގޮތުގައި އިންޑިއާގެ ކުރީގެ ކެޕްޓަން ކޯލީއަކީ ޝައްކެއް ވެސް ނެތް ގޮތުގައި ޗެމްޕިއަން ކުޅުންތެރިއެއް ކަމަށެވެ.

އޭނާ އިންޑިއާ ޤައުމީ ޓީމުގައި ދައްކާފައިވާ ކުޅުން މިއީ އެންމެންނަށް ފެންނަން އޮތް ކަމެއް ކަމަށެވެ. އަދި، ކޮންމެ ކުޅުންތެރިޔަކަށް ވެސް ކުޅިވަރަށް އަލްވަދާއު ކިޔަންޖެހޭ ދުވަސް އަންނާނެ ކަމަށާއި އަދި ކޯލީވަނީ އޭނާ ބޭނުންވަނީ އެކަން މިގޮތަށް ކުރަންކަން ކުރިން ވެސް އޭނާ ގާތު ހާމަކޮށްފައިވާކަމަށް ރޯހިތު ބުންޏެވެ.

ބައިނަލްއަޤުވާމީ ޓީ ޓުވެންޓީއަށް ދެ ކުޅުންތެރިން އަލްވަދާއުކީ ނަމަވެސް ޓެސްޓް މެޗުތަކާއި އެއް ދުވަހުގެ ކްރިކެޓްގައި ދެ ކުޅުންތެރިން އިންޑިއާ ތަމުސީލުކުރުމުގައި ދެމިތިބޭނެ ކަމަށްވެއެވެ. ނިމިދިޔަ ކްރިކެޓް ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ކުޅުން މި ފަހަރު ނުދެއްކުނު ކޯލީއަށް ފައިނަލް މެޗުގެ ކުރިން ކުޅުނު ހަތް އީނިންގްސްގައި ހެދިފައިވަނީ 75 ލަނޑެވެ.

ނަމަވެސް، އޭނާގެ ބޭނުން އެންމެ ބޭނުންވި ވަގުތު ކޯލީވަނީ ފައިނަލް މެޗުގައި 76 ލަނޑު ހަދާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާ އެކު އިންޑިއާ ޤައުމީ ޓީމަށް ކުޅުނު ޓީ ޓުވެންޓީ ފޯމެޓްގެ ފަހު މެޗު ފާހަގަކޮށްލެވޭ މެޗަކަށް ހަދާފައެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމާ އެކު އުފާވެފައި ހުރި ކޯލީ ހާމަކުރިގޮތުގައި މިއި އޭނާ ޓީ ޓުވެންޓީގައި އިންޑިއާއަށް ކުޅުނު ފަހު މެޗުގެ އިތުރުން ފަހު ވޯލްޑް ކަޕެވެ.

ރޯހިތުވަނީ ޓީ ޓުވެންޓީގައި އިންޑިއާއަށް 159 މެޗު ކުޅެދީ 4231 ލަނޑު ހަދައިދީފައެވެ. މިގޮތުން 159 މެޗާ އެކު އޭނާ ވެފައިވަނީ މިހާތަނަށް މި ފޯމެޓުގައި ޤައުމީ ޓީީމަކަށް އެންމެ ގިނަ މެޗު ކުޅުންތެރިޔާއެވެ. އޭނާއަކީ އެންމެ ގިނަ ލަނޑު ހަދާފައިވާ ކުޅުންތެރިޔާ ވެސް މެއެވެ.

މީގެ އިތުރުން، މި ފޯމެޓުގައި ޤައުމީ ޓީމަށް އެންމެ ގިނަ ސައްތަ ހަދާފައިވާ ދެ ކުޅުންތެރިންގެ ތެރޭގައި ވެސް ރޯހިތު ހިމެނެއެވެ. އެއީ، އޮސްޓްރޭލިއާގެ ގްލެން މެކްސްވެލާ އެކު ފަސް ސައްތައެވެ.

ކޯލީއަށް ބާލާއިރު އޭނާ ވަނީ 125 މެޗުގައި 4188 ލަނޑު ހަދާފައެވެ. އަދި، ކޯލީ އުޅެނީ ލަނޑު ހިސްޓުގެ ދެވަނައިގައެވެ. މި ފެންވަރުގެ ދެ ބެޓްސްމަނުން އެއްފަހަރާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުން ވެގެންދާނީ އެ ޓީމަށް އަސަރުކުރާނެ ކަމަކަށެވެ.

comment ކޮމެންޓް