ވީއައިއޭއަށް ޖެއްސި ފްލައިޓެއްގެ ފުރޮޅެއް ފަޅައިގެން ގޮސް ރަންވޭ ބަންދުކުރަން ޖެހިއްޖެ

ވައިއޭގެ ރަންވޭ މަތީގައި ފްލައި ދުބާއީގެ ފްލައިޓެއް ޓަޔަރު ފަޅައިގެން ގޮސްފައި ----

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު މެންދުރު ޖެއްސި ފްލައި ދުބާއީ ފްލައިޓުގެ ފުރޮޅެއް ފަޅައިގެން ގޮސް ރަންވޭ ބަންދުކުރަން ޖެހިއްޖެއެވެ.

މިއަދު މެންދުރުފަހު 2:18 ގައި ދުބާއީ އިން ރާއްޖެ އައި ފްލައި ދުބާއީގެ ފްލައިޓް ވީއައިއޭއަށް ލޭންޑް ކުރުމުގެ ތެރޭގައި ވަނީ ޓަޔަރެއް ފަޅައިގެން ގޮސް ރަންވޭ މަތީގައި ތާށިވެފައެވެ.

ވައިއޭގެ ރަންވޭ މަތީގައި ފްލައި ދުބާއީގެ ފްލައިޓެއް ޓަޔަރު ފަޅައިގެން ގޮސްފައި ----

އެކަމާ ގުޅުގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ, އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ. އަދި އާންމު އޮޕަރޭޝަނަށް ރަންވޭ ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން އެމްއޭސީއެލްއިން އުންމީދުކުރަނީ ހަވީރު 5:00 ޖަހާއިރު ރަންވޭ ހުޅުވާލެވޭނެ ކަމަށެވެ.

ފްލައި ދުބާއީ ފްލައިޓްގެ ޓަޔަރު ފަޅައިގެން ދިއުމުގެ ސަބަބުން ރަންވޭ ބަންދުކޮށްފައިވާއިރު ބައެއް ފަލްްއިޓްތައް ވަނީ ޑައިވާޓް ކޮށްފައެވެ.

އެ ހާދިސާ ހިނގާފައިވަނީ ވީއައިއޭގައި އަލަށް ހުޅުވި ރަންވޭގައެވެ. އެ ރަންވޭ ހުޅުވައި ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އަދި އެ ރަންވޭ ހުޅުވިފަހުން ހާދިސާއެއް ހިނގައި ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް