ހަ ވަނަ ރޯދަ: ކުއްލިއަކަށް ލުނބޯ، ކެރެޓު އަދި ކަރާގެ އަގު ވަރަށް ހެޔޮވެއްޖެ

ބާޒާރުމަތި: ކުއްލިއަކަށް ބައެއް ތަކެތީގެ އަގުތައް މިވަނީ ހެޔޮވެފައި-- ސަން ފައިލް ފޮޓޯ

ބަރަކާތްތެރި ރަމަޟާން މަހުގެ ހަ ވަނަ ރޯދައިގެ ކުރިން، ބާޒާރުމަތީގެ ތަކެތީގެ އަގު ހުރީ އަތްނުފޯރާ ފަށުގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެކަމަކު ހަވަނަ ރޯދައަށް އިރު އެރުމާއެކު، ކުރިން އަގު ބޮޑުކޮށް ވިއްކި ތަކެތީގެ އަގު ކުއްލިއަކަށް ހެޔޮވެއްޖެއެވެ.

މިއަދު ބާޒާރުމަތީގެ އަގުތައް ހުރިގޮތުން، ކުރިން 70 ރުފިޔާއަށް ވިއްކަމުން ދިޔަ ލުނބޯ ކިލޯއެއް މިހާރު ވަނީ 55 ރުފިޔާ އާއި 50 ރުފިޔާއަށް ވެއްޓިފައެވެ. މީގެ ކުރިން ބައެއް ގޮޅިތަކުން ލުނބޯ ކިލޯއެއް 70 ރުފިޔާ، 75 ރުފިޔާ އަދި 90 ރުފިޔާ އަށް ވެސް އައީ ވިއްކަމުންނެވެ.

އެކަމަކު ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ސުޕާމާޓުން ލުނބޯ ކިލޯއެއް 40 ރުފިޔާއަށް އަންނަނީ ވިއްކަމުންނެވެ.

ލުނބޯގެ އިތުރުން، ކެރެޓުގެ އަގު ވެސް ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ހެޔޮ ވެފައެވެ. ރޯދައިގެ ކުރިން ފެށިގެން 70 ރުފިޔާ އާއި 65 ރުފިޔާއަށް ވިއްކަމުން އައި ކެރެޓު ކިލޯ ވެސް މިހާރު ޢާންމުކޮށް ވިއްކަނީ 40 ރުފިޔާއަށެވެ. މިއީ ކުރީގެ އަގާ އަޅާ ބަލާއިރު ގާތްގަޑަކަށް 30 ރުފިޔާގެ އަގުހެޔޮ ވުމެކެވެ.

ލުނބޯ އަދި ކެރެޓުގެ އިތުރުން، ދިވެހީންނަށް ރޯދަ މަހު އެންމެ ޚާއްސަ ތޮއްޑޫ ކަރާގެ އަގު ވެސް މި ވަނީ ވަރަށް ބޮޑަށް ހެޔޮވެފައެވެ. ކުރިން 30 ރުފިޔާއަށް ވިއްކި ތޮއްޑޫ ކަރާ ކިލޯއެއް މިހާރު ވިއްކަނީ 20 ރުފިޔާއަށެވެ. ބާޒާރުގެ ބައެއް ގޮޅި ތަކުން 25 އަށް ވިއްކަމުން އައި ނަމަވެސް، ޢާންމުކޮށް ކަރާ ކިލޯއެއް 20 ރުފިޔާއަށް ލިބެއެވެ. މިއާއެކު، ބާޒާރުމަތީގައި ވިއްކަމުން އައި އިންޑިޔާ ކަރާ އާއި ދިވެހި ކަރާގެ އަގު ގާތްގަޑަކަށް އެއްވަރުވީއެވެ.

އިންޑިޔާ ކަރާ މިހާރު ވެސް ވިއްކަނީ ކުރިން ވިއްކި އަގު ކަމަށްވާ 18 ރުފިޔާ އާއި 20 ރުފިޔާގެ ދެމެދުގެ އަގަކަށެވެ.

ރޯދަ މަހުގެ ހަވަނަ ދުވަހަށް އައިރު، ބާޒާރުމަތީގެ ތަކެތީގެ އަގު ހެޔޮ ވުމަކީ މީގެ ސަބަބުން ޢާންމުންނަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމެކެވެ.

comment ކޮމެންޓް