ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިނިސްޓަރުންނާ ކުރާ ސުވާލުތަކުގެ ޖަވާބު ރައްޔިތުންނާ ހަމައަށް ގެނަސްދިނުމުގައި ލަސްވާތީ އެކަމާ މެދު މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި, މީގެ ހަ މަސް ދުވަސް ކުރިން ބޮންޑޭ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ކުރައްވާފައިވާ ސުވާލުގެ ޖަވާބު ވަނީ އިއްވާފައެވެ. ސުވާލު ހުށަހެޅުމުގެ ވަގުތުގައި ބޮންޑޭ ވަނީ އެއީ މީގެ ހަ މަސް ކުރީގެ ސުވާލެއް ކަން ފާހަގަކުރައްވާ މި ރިޔާސީ ނިޒާމަކީ 'ސްލޯ' ނިޒާމެއް ކަމަށް ވިދާޅުވެފައެވެ.
އެ ސުވާލަށް ފަހު ދެން ވެސް އިއްވާފައިވަނީ މެމްބަރު އިބްރާހިމް ރަޝީދު ފިނޭންސް މިނިސްޓަރާ ކުރެއްވި ސުވާލެއްގެ ޖަވާބެކެވެ. އެ ސުވާލު ހުށަހަޅުއްވަމުން ބޮންޑޭ ވިދާޅުވީ އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުރެއްވި ސުވާލެއް ކަމަށެވެ.
އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ މެމްބަރުން މިިނިސްޓަރުންނާ ކުރާ ސުވާލުގެ ޖަވާބު، 15 ދުވަހުގެ ތެރޭގައި މަޖިލީހަށް ލިބޭ ކަމަށެވެ. އަދި ޖަވާބު ލިބުމުން އެ ޖަވާބު ބެލުމުގެ ފުރުސަތު މެމްބަރުންނަށް އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރުންނާ މެމްބަރުން ކުރައްވާ ސުވާލުތަކަކީ ރައްޔިތުންގެ ފަރާތުން ކުރައްވާ ސުވާލުތައް ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެ ޖަވާބުތައް ރައްޔިތުންނާ ހަމައަށް ގެނަސްދެވެނީ 150 ދުވަސް ނުވަތަ އެއަށްވުރެވެސް ގިނަ ދުވަހުން ކަން ފާހަގަކުރައްވާ ބޮންޑޭ ވިދާޅުވީ ރައްޔިތުންނަށް މިނިސްޓަރުން ޖަވާބުދާރީ ކުރުމުގެ ހަގީގީ މަގްޞަދު ހާސިލު ނުވާ ކަމަށެވެ.
"ގެރިމަރުވާ ފަހުން ރައްޔިތުންނަށް ވާނުވާ އެނގެނީ. އެއީ ރައްޔިތުން ކުރާ ސުވާލުތަކެއް. އެމީހުންނާ ހިސާބަށް ޖަވާބު މި އަންނަނީ 150 ދުވަސް ނޫނީ އެއަށްވުރެ ވެސް ގިނަ ދުވަސް ފަހުން. މިހާރުވެސް 50 އަށް ވުރެ ގިނަ ސުވާލު ވެއްޖެ ކިއޫގައި،" މެމްބަރު ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ އެހެން ދިމާވަނީ ރިޔާސީ ނިޒާމުގެ ސަބަބުން ކަމަށެވެ. މިހާރު އޮތް ނިޒާމަކީ ވަރަށް ލަސް ނިޒާމެއް ކަމަށާއި މިގައުމަށް ބޭނުންވަނީ ވަގުތުން ރައްޔިތުންގެ ސުވާލުތަކަށް ބޮޑުވަޒީރަކު ޖަވާބުދާރީ ކުރުވާ، ބަރުލަމާނީ ނިޒާމު ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރުންނާ މެމްބަރުން ކުރައްވާ ސުވާލުތަކުގެ ޖަވާބު މަޖިލީހުގައި ލަހުން ހިއްސާ ކުރާތީ މީގެ ކުރިން ވެސް އެހެން މެމްބަރުން ވެސް ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.