ނަތަންޔާހޫގެ ސިޔާސަތަށް ފާޑުކިޔުން ބޮޑުވުމުން ދޫ ދޭން މަޖުބޫރުވެއްޖެ

އިސްރާއީލުގެ މުޒާހަރާތަކުގައި ތަންތަނުގައި ރޯކޮށް ހުޅުޖަހަނީ

ޓެލްއަވީވު (28 މާޗް 2023): އިސްރާއީލުގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅުއްވާ ވިސްނުމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުންނާ މުއައްސަސާތައް އުތުރިއެރުމުން އެ ވިސްނުން ވަގުތީ ގޮތުން މަޑުޖައްސާލަން ނަތަންޔާހޫ އެންމަ ފަހުން ނިންމަވައިފިއެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ޕްލޭން ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން ނިންމީ ގައުމަށް ދިމާވެފައިވާ ސީރިއަސް ހާލަތާ ގުޅިގެން ގައުމު އިތުރަށް ގަޑުބަޑުވިޔަ ނުދިނުމަށެވެ. އަދި، ދާޚިލީ ހަނގުރާމައަކުން ސަލާމަތް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ވިސްނުމާ ދެކޮޅަށް އިއްޔެ ވަނީ މުޅި އިސްރާއީލު އެކަތިގަނޑަކަށްވެ އާންމު ރައްޔިތުންނާ މުއައްސަސާތަކާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ވެސް އެ ކަމާ ދެކޮޅަށް އުތުރި އަރައިފައެވެ. މި ވިސްނުމާ ދެކޮޅަށް ސިފައިން ނުކިޔަމަންތެރިކަން ދައްކައި ޚިދުމަތަށް ނުކުތުމަށް ދެކޮޅު ހަދާފައިވާއިރު އިސްރާއީލްގެ މަސައްކަތްތެރިންގެ އެންމެ ބޮޑު އިއްތިޙާދުން ވަނީ ބޮޑު ހަޅުތާލެއް ފަށައި އިސްރާއީލްގެ ހޮސްޕިޓަލްތަކާއި އެތެރޭގެ ދަތުރުފަތުރުގެ ނިޒާމް ހުއްޓުމަކަށް ގެނެސްފައެވެ.

އިސްރާއީލުގެ އެއާޕޯޓްތަކުގެ މުވައްޒަފުން ހަޅުތާލުގައި ބައިވެރިވުމާ އެކު އެއާޕޯޓްތަކުގެ ހަރަކާތްތައް ވެސް އެއްކޮށް ހުއްޓިގެން ދިޔައެވެ.

އިސްރާއީލުގެ ފުލުހުން މުޒާހަރާވެރިންނާ ދެކޮޅަށް ފެން ޖަހަނީ

ނަތަންޔާހޫގެ ޕްލޭނާ ދެކޮޅަށް އިސްރާއީލުގައި އިއްޔެ ބައި މިލިއަނަށް ވުރެ ގިނަ މީހުން މުޒާހަރާ ކޮށްފައިވާއިރު އެ މީހުންވަނީ ނަތަންޔާހޫ އަކީ ޚުދުމުޚްތާރު ވެރިއެއް ކަމަށް ސިފަކޮށްފައެވެ. އަދި ޔަހޫދީ ދީނީ ހަރުކަށި ލީޑަރުން ހިމެނޭ ގޮތަށް ނަތަންޔާހޫ އެކުލަވާލާފައިވާ ކޯލިޝަން ސަރުކާރަކީ އިސްރާއީލުގެ ރައްޔިތުންނަށް ނުރައްކާތެރި ގޮތް ދޫނުކުރާ ޚުދު މުޚުތާރު ސަރުކާރެއް ކަމަށް ވެސް މުޒާހަރާތަކުގެ ބައިވެރިން ވަނީ ސިފަ ކޮށްފައެވެ.

އިސްރާއީލުގެ ޝަރުއީ ދާއިރާ އިސްލާހު ކުރާ ޕްލޭންގެ ފަހަތުގައި ހުންނެވީ ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ދީނީ ހަރުކަށި އަދި ސިޔާސީ ގޮތުން ނުފޫޒު ގަދަ ލީޑަރެއް ކަމަށްވާ "ޖެވިޝް ނެޝަނަލް ފްރަންޓް" ގެ ލީޑަރު އިތަމާރު ބެންގްވީރެވެ.

މި ޕްލޭންގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލަން ބެންގްވީރު އެއްބަސްވީ އޭނާގެ ކޮންޓްރޯލް އޮންނަ ގޮތަށް އިސްރާއީލުގައި ނެޝަނަލް ގާޑުން ލަޝްކަރެއް އުފައްދާ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނެޝަނަލް ގާޑުންގެ މި ލަޝްކަރުގެ ބޭނުމަކީ އިސްރާއީލުގެ ފުލުހުންނާއި ސިފައިން ނުކިޔަމަންތެރިކަން ދައްކާ ހާލަތެއްގައި ބެންގްވީރުގެ އަމުރުތައް ތަންފީޒު ކުރާނެ އަމަނާ ބެހޭ ބާރެއް ވުޖޫދަށް ގެނައުމެވެ.

ނެޝަނަލް ގާޑުންގެ ލަޝްކަރުގައި ހިމަނަން ބެންގްވީރު ބޭނުން ވަނީ އޭނާއަށް ބޯލަނބާ ޔަހޫދީ ދީނީ ފިކުރުގެ ޒުވާނުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ބެންގްވީރަކީ އިސްރާއީލުގެ އަމަނާ ބެހޭ ވަޒީރެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ޕްލޭން މަޑުޖައްސާލަން ނަތަންޔާހޫ ރޭ ނިންމެވީ އެ ޕްލޭނާ ދެކޮޅަށް އިސްރާއީލުގައި ފެށި މުޒާހަރާތަކާއި ހަޅުތާލުތަކުގެ ސަބަބުން މުޅި އިސްރާއީލު ހުއްޓުމަކަށް އައުމާ އެކު ދެން އެހެން ގޮތެއް ނެތިގެންނެވެ. ނަމަވެސް މި ޕްލޭން އެއްކޮށް ދޫކޮށްލަން ނަތަންޔާހޫ އަދިވެސް އެއްބަހެއް ނުވެއެވެ. އެއްބަސްވީ އެ ކަން ވަގުތީ ގޮތުން މަޑުޖައްސާލުމަށެވެ.

މި ޕްލޭން މަޑުޖައްސާލަން ނިންމި ނިންމުމަށް އިސްރާއީލުގެ ރައީސް އިސްހާގް ރެރްޒޮގް އާއި މަގާމުން ދުރުކޮށްފައިވާ ދިފާއީ ވަޒީރު ޔޮޔަވް ގަލަންޓެން އާއި އިސްރާއީލުގެ އިދިކޮޅު ލީޑަރުންވަނީ މަރުހަބާ ވިދާޅުވެފައެވެ.

އިސްރާއީލަކީ ގާނޫނާ ޚިލާފަށް 1948ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ ޔަހޫދީ ޣައިރުގާނޫނީ ދައުލަތެކެވެ. އިސްރާއީލުގެ ނަމުގައި އުފައްދާފައިވާ ޔަހޫދީ މި ދައުލަތަކީ ދުނިޔޭގެ އެކި ގައުމުތަކުންނާ އަދި އެކި ކަންކޮޅުތަކުން ފަލަސްތީނުގެ ބިމަށް ޔަހޫދީން ގެނަސް ފިކުރީ ގޮތުންނާއި ދިރިއުޅުމުގެ ފެންވަރާއި ސަގާފަތުގެ ގޮތުން ވަރަށް ތަފާތު ޔަހޫދީން އެކުލެވޭ ގޮތަށް އުފައްދާފައިވާ މަސްހުނި ދައުލަތެވެ.

އިސްރާއީލުގެ މުޖްތަމައަކީ މެޗުނުވާ އަދި އެއް ބަޔަކު އަނެއް ބަޔަކާ މާ ބޮޑު ގުޅުމެއްނެތް ހަސަދައާއި ބައިބައިވުން ބޮޑު މުޖްތަމައެކެވެ. ޔަހޫދީ މަޒުހަބީ ކޯޅުންތައްވެސް ބޮޑު މުޖްތަމައެކެވެ. މީގެއިތުރުން އެކި ފިކުރުގެ ޔަހޫދީން އެއްބަޔަކު އަނެއްބަޔަކާމެދު ނަސްލީ އިމްތިޔާޒުގެ ނަޒަރުންދެކޭ އަދި އެ ގޮތަށް މުއާމަލާތްތައް ވެސް ކުރާ އެއް ބަޔަކު އަނެއް ބަޔަކާ ގުޅުންތައް ވަރަށް ކުޑަ މުޖްތަމައެކެވެ. އަދި މުއްސަދިންނާއި ފަގީރުންގެ ތަފަތު ވެސް އިސްރާއީލުގެ ޔަހޫދީންގެ މެދުގައި އިންތިހާއަށް ބޮޑެވެ.

އިސްރާއީލުގެ ޔަހޫދީން އެއްގަލަކަށް އަރާ ދެކަމުގެ ތެރެއިން ކަމަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ އޮތުމާއި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ އިސްތިއުމާރީ އަނިޔާވެރިކަމުގެ ހަރަކާތްތަކެވެ. އަނެއް ކަމަކީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ފަލަސްތީނުގެ ބިމުގައި ދައުލަތެއްގެ ގޮތުގައި އިސްރާއީލު ދެމި އޮތުމެވެ.

ނަމަވެސް ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއިން އިސްރާއީލު ފައިބައި އެ ދެ ތަނުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތާއީދުކުރާ ޔަހޫދީން މަދުން ނަމަވެސް އިސްރާއީލުގައި އުޅެއެވެ. އަދި ފަލަސްތީނާ ދެކޮޅަށް އިސްރާއީލުގެ ސަރުކާރުތަކުން ހިންގަމުން ގެންދާ އަނިޔާތަކާއި ޖަރީމާތަކާ ދެކޮޅު ޔަހޫދީން ވެސް އިސްރާއީލުގައި މަދުންނަމަ ވެސް އުޅެއެވެ.

comment ކޮމެންޓް