މިއަދުވެސް ޖާބިރު މަސްތުވާތަކެތި ހުއްދަކުރަން ގޮވާލުމުން ނުހުއްޓުވި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މެރުއާނާ ހުއްދަ ކުރަން ގޮވާލުމުން އެކަން ރިޔާސަތުން ނުހުުއްޓުވުން އެހެން މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވެސް ޖާބިރު ވަނީ މެޑިކަލް މެރުއާނާ ރާއްޖޭގައި ހުއްދަކުރަން ގޮވާލާފައެވެ. މެމްބަރުގެ އެވާހަކަތައް ރިޔާސަތުގައި އިންނެވި ހަސަން އަފީފް ހުއްޓުވާފައިނުވާތީ މަކުނޫދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ރާއީގެ އިތުރުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެކަމަށް ރައްދުދެއްވައި އަފީފް އިއްޔެ ވިދާޅުވީ މައްސަލައަކަށް ބަހުސް ކުރާއިރު އޭގަހުރި މައްސަލައަށް ވާހަކަ ދެކެވެން ޖެހޭނެ ކަމަށެވެ. އަދި އެއީ ދީނާ ޚިލާފު މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަފީފް ވިދާޅުވީ މަޖިލީހަކީ ދީނީ ބަހުސް ކުރާ ތަނެެއް ވެސް ނޫން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ސައިބާސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވަމުންދާތީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރުމުގެ ވަގުތުގައި ޖާބިރު ވިދާޅުވީ ރާއްޖޭގެ އާމްދަނީ އިތުރުކޮށް، ބޮޑެތި ޕްރޮޖެކްޓުތައް ހިންގަން ބޭނުންނަމަ ރާއްޖޭގައި މެޑިކަލް މެރުއާނާ ހުއްދަ ކުރަން ޖެހޭ ކަމަށެވެ. އޭރުން ބޮޑު މާކެޓެއް ހުޅުވި، ރާއްޖެއަށް ގިނަ އަދަދެއްގެ ޑޮލަރު ލިބޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އެވަރުގެ ޕްރޮޖެކްޓެއް ހިންގޭނެތާއޭ، މެޑިކަލް މެރުއާނާ ހުއްދަ ކުރާށޭ. ބޮޑު މާކެޓެއް އޯޕަންވީއޭ. ބޯކޮށް ޑޮލަރު ވޭހޭނެ،" ޖާބިރު ވިދާޅުވިއެވެ.

އެހެން ޖާބިރު ވިދާޅުވުމާއެކު ރިޔާސަތުގައި އިންނަވާ ހަސަން އަފީފް ވަނީ އެ ވާހަކަ މަޖިލީހުގައި އެތައް ދުވަހެއްގެ މަތިން ދެކެވިފައިވާ ކަން މެމްބަރަށް ހަނދާންކޮށްދެއްވާފައެވެ. އަދި ރިޔާސަތުން ވަނީ އަނެއްކާ ވެސް ޖާބިރަށް ފުރުސަތު ދެއްވާފައެވެ.

ދެން ވެސް ޖާބިރު ވަނީ މެރުއާނާ ހުއްދަކުރަން ގޮވާލައި، އެކަމުން ލިބޭނެ ފައިދާތަކުގެ ވާހަކަ ތަކުރާރުކޮށް ދައްކަވާފައެވެ.

އެކަމާ ގުޅިގެން މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ރާއީ ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ. އަދި އިއްޔެއެކޭ ވެސް އެއްފަދައިން މެމްބަރުގެ އެ ވާހަކަތައް ރިޔާސަތުން ހުއްޓުވާފައި ނުވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އަޅުގަނޑު އިއްޔެވެސް ފާހަގަކުރިން މިތާއެތެރޭގައި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ވާހަކަދައްކާކަމަށްވާނަމަ ރައީސް ޖެހޭނެ އެކަން ހުއްޓުވަން. އެހެން ނޫނީ ރައީސްއަށް މާ މަގުބޫލު ވާހަކަފުޅަކީ އެއީ. އިއްޔެވެސް ރައީސް އެކަން ނުހުއްޓުވާކަން އަޅުގަނޑު ފާހަގަކުރަން،" ރާއީ ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވައި އަފީފް ވިދާޅުވީ މިއީ ޖާބިރު އެފަދަ ވާހަކައެއް ދެއްކެވި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އެއަށްފަހު އަފީފް ވަނީ ހުށަހެޅިފައިވާ ބިލަށް ބަހުސް ކުރެއްވުމަށް ޖާބިރަށް ހަނދާންކޮށްދެއްވާފައެވެ. އޭގެފަހުން ޖާބިރު ވަނީ ހުށަހެޅިފައިވާ ބިލަށް ބަހުސް ކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް މެމްބަރަކު ދައްކަވާނަމަ އެ ވާހަކަ ރިޔާސަތަށް ހުއްޓުވޭނެއެވެ.

comment ކޮމެންޓް