ރޯދަ މަހާ ގުޅިގެން ކޮންމެ ގެއެއްގައި ހެން ކެއިން ބުއިމަށް ބޭނުންކުރާ އެއްޗެހި ބަދަލުވާނެއެވެ. ގިނަ ގޭގޭގައި ކޮންމެ ދުވަހަކު ރޯދަ ވީއްލުމަށް ތަފާތު އެއްޗެއް ހަދައި ނުލެވޭ ނަމަ އެ ދުވަސް ފުރިހަމައެއް ނުވާނެއެވެ. ރޯދަ ވީއްލަން ތައްޔާރު ކުރާ ބުއިން ތަކަކީ އޭގެ ތެރޭގައި ހާއްސަކޮށް ފާހަގަކޮށްލެވޭ އެއްޗެކެވެ.
ރޯދަ މަހު އެންމެ ގިނަ ބަޔަކު ރޯދަ ވީއްލުމަށް ބޭނުންކުރާ އެކައްޗަކީ ކަދުރު ނުވަތަ ފެނެވެ. ނަމަވެސް އެއަށް ފަހު އިތުރަށް ތާޒާކަން ހޯދާލުމަށް ތަފާތު ބުއިމެއް ކޮންމެ ދުވަހަކު ހުންނަން ޖެހެއެވެ. އެހެންނޫނީ އެ ދުވަހެއް ފުރިހަމައެއް ނުވާނެއެވެ.
އެންމެ މަގުބޫލު ބުއިންތަކަކީ ކޮބައިކަން މާރުކޭޓުގެ ޑިމާންޑުތަކުން އެނގޭނެއެވެ. ކޮންމެ ރޯދަ މަހަކާ އެކު އެތައް ޓަނުން އެތެރެ ކުރާ އެކައްޗަކީ ކަރަލެވެ. މިއީ އެންމެ ގިނައިން ގެތަކުގައި ފަނި ގިރަން ބޭނުންކުރާ އެކައްޗެވެ. ދެވަނައަށް އެންމެ ފާހަގަކޮށްލެވޭ އެއް ފަންޏަކީ ކުރުނބާ ފަންޏެވެ.
"ރޯދަ މަހެއް ނިމޭ އިރު ކަރާ ފަނި ނޫނީ ކުރުނބާ ފަނި ނުބޮއި ނުދެވޭ. އަދި އެއިން އެއްޗެއް ނުލިބިއްޖެ ނަމަ ރޯދަ މަސް ފުރިހަމަ ވާ ހެން ވެސް ހީ ނުވޭ،" މެންދުރު މާރުކޭޓަށް ގޮސް އުޅުނު ޒުވާނަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި އޭނާގެ މަސައްކަތް ހުންނަ ގޮތުން ގިނަ ފަހަރަށް ރޯދަ މަހު ގޭގައި ހުންނަން ނުލިބެއެވެ. އެއާ އެކު ދިވެހި ކުރުނބާ ފަނި ލިބެން ވަރަށް އުނދަގޫ ވާ ކަމަށް އޭނާ ބުންޏެވެ.
އެންމެ މަގުބޫލު ފަންޏާއި އެންމެ މީރު ފަންޏާ ދެމެދުގައި އޮންނަ ބަހުސް ބޮޑެވެ. ކަރާ ފަންޏަކީ އެންމެ ގިނައިން ގޭގޭގައި ގިރާ ފަންޏަށް ވިޔަސް ގިނަ ބަޔަކަށް ބޮޑަށް ކަމުދަނީ ކުުރުނބާ ފަންޏެވެ.
"ކަރާ ފަނި ވެސް މީރު. އެކަމު ކުރުނބާ ފަނި ހާ އެއް ނޫން. ގިނަ ފަހަރަށް ކަރާ ފަނި ގިރަނީ އެއީ އަގު ހެޔޮ ވީމަ. ކުރުނބާ ފަނި ހަދަން ހާދަ އަގު ބޮޑޭ،" އިތުރު ޒުވާނެއް ކަމަށް ވާ ޔޫސުފް އިޔާދު ބުންޏެވެ.
ކުރުނބާ ކިތައްމެ މަގުބޫލު ވި ނަމަވެސް ކުރުނބާ ފަނި ގިރުމަކީ ހަރަދު ބޮޑު ކަމެކެވެ. އެހެންވެ، އެ ގިރާ ވަރު މަދުވަނީއެވެ. ކަރާ ފަންޏަކީ ފަސޭހައިން ލިބޭ އަދި ގިރާލަން ފަސޭހަ އެއްޗެކެވެ.
ނަމަވެސް ކަރާ ފަންޏާއި ކުރުނބާގެ އިތުރުން ވެސް މަގުބޫލު ބައެއް ބުއިންތައް ރޯދަ މަހު ތައްޔާރު ކުރެއެވެ. ފަލޫދާ އަކީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ އެއްޗެކެވެ. އަދި ހަމަ އެއާ އެކު އަލަނާސި ފަންޏާއި ފޭރު ފަނިވެސް ވަރަށް މަގުބޫލެވެ.