ރޯދަމަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާގައި

ލޯކަލް މާރުކޭޓް: މި ރޯދަ މަހު ކަރާގެ އަގު ހުރީ 25 ރުފިޔާގައި ހިފެހެއްޓިފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ރޯދަމަހު އެންމެ ގިނައިން ވިކޭ އެއް މޭވާ ކަމަށްވާ ކަރާގެ އެއް ކިލޯގެ އަގު 25 ރުފިޔާގައި ހިފެހެއްޓިފައި ހުރިކަމަށް މާރުކޭޓުގައި މޭވާއާއި ތަރުކާރީ ވިއްކާ ވިޔަފާރިވެރީން ބުނެފިއެވެ.

ކަރާއަކީ ރޯދަމަހު އާންމުންގެ މެދުގައި ފަނިގިރުމަށް އެންމެ މަގުބޫލު އެއް މޭވާއެވެ.

'ސަން'އަށް މައުލޫމާތު ދެމުން ދަތުރުވެރީންގެ މާރުކޭޓުގެ ގޮޅިއެއްގައި މޭވާއާއި ތަރުކާރީ ވިއްކަން އިން އާދަމް މޫސާ ބުނީ ކަރާގެ އަގު 25 ރުފިޔާގައި ހެފެހެއްޓިފައިވާ ކަމަށާއި އެއީ މީގެ ހަފުތާއެއްވަރު ކުރީންވެސް ކަރާ ކިލޯއެއްގެ އަގު ހުރީ 20އާއި 25 ރުފިޔާއާ ދެމެދުގައި ކަމަށެވެ.

"އަގުތަކަށް ނާދޭ ބަދަލެއް. ހަމަ ކުރީންވެސް ހުރި އަގުތަކުގައި މި އުޅެނީ. ކަރާ މި އުޅެނީ 20 އަށް 23 އަށް 25 އަށް. ހަމަ ނާދޭ ބަދަލެއް." މާރުކޭޓުގައި މޭވާއާ ތަރުކާރީ ވިއްކާ އާދަމް މޫސާ ބުންޏެވެ.

ނަމަވެސް ކަރާއަކީ އާންމުކޮށް ރޯދަމަހު އަގު އުފުލޭ ބާވަތެކެވެ. ނިމިދިޔަ އަހަރުގެ ރޯދަމަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގު އުޅުނީ 30 ރުފިޔާއަށެވެ.

ކަރާ އާންމުކޮށް އެންމެ ގިނައިން ގެންނަނީ އއ. ތޮއްޑޫއިން ކަމަށްވާއިރު، ކ. ކާށިދޫއިން ވެސް ގިނަ އަދަދަކަށް ކަރާ ގެންނަ ކަމަށް ވިޔަފާރިވެރީން ބުނެފައިވެއެވެ.

comment ކޮމެންޓް