ކޮންމެ ނިންމުމެއްވެސް ނިންމަނީ މިނިވަންކަމާ މުސްތަގިއްލުކަމާ އެކު: ޕީސީބީ

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން އަބަދުވެސް ކުރަމުން ދަނީ މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު ރަޝާދު ކުއްލި ގޮތަކަށް އިއްޔެ އަމަގާމުން ވަކި ކުރުމާއެކު މީޑީއާގައި ތަފާތު ވާހަކަތައް ދެކެވިފައިވެއެވެ. އަދި އަމްރު އެ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެންގެވުމުން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުންވެސް އަމާޒުވެގެން ދިޔައެވެ.

އެކަމާ ގުޅިގެން ޕީސީބީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އައްޔަން ކުރާ ފަރާތްތައް އައްޔަންކޮށް ވަކިކުރަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.

އެ އުސޫލަކީ 2013 ވަނަ އަހަރު ފާސްކުރުމަށްފަހު، އިތުރަށް ހަރުދަނާކޮށް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް ޕީސީބީން ބުނެއެވެ. އަދި، ގާނޫނުން އެ ބޯޑަށް މަތިކޮށްފައިވާ އެންމެހާ މަސައްކަތްތައް އަބަދުވެސް ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ޕީސީބީން ނިންމާ ކޮންމެ ނިންމުމެއް ވެސް ނިންމަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެހާ ހިއްސާދާރުންނާއި، ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވޭނެކަން ކަށަވަރުވާހެން ކަމަށެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ގަވާއިދާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށްވެސް ޕީސީބީން ވަނީ ބުނެފައެވެ.

އަމްރު މަގާމުން ވަކި ކުރުމަށް ފަހު އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ އެވެ. ނިޒާމްއަކީ އެ ކުންފުނީގައި 12 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކުންފުނީގެ ބޯޑަށް އައްޔަނުކުރީ 2020 ވަނަ އަހަރުއެވެ.

އަމްރު މަގާމުން ވަކި ކުރީ ރައީސް ޞާލިޙަށް ތާއީދުނުކުރައްވައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމެވުމުން އެކަމާ ޒާތީ ވެގެން ކަމަށް ސަރުކާރާ ދެކޮޅު ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ސަރުކާރިގެ ސިޔާސަތަށް ތާއީދު ނުކުރާ މީހުންނަށް ސަރުކާރުގެ މަތީ މަގާމުތަކުގައި ނުތިބެވޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް