ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން އެދިއްޖެ

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

ރަމަޟާން މަސް ފެށުމުގެ ކުރިން ގާނޫނުގައި ކަނޑައަޅާފައިވާގޮތުގެ މަތިން ރޯދަ އިނާޔާތް، ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ލޭބާ ރިލޭޝަންސް އޮތޯރިޓީން އަންގައިފިއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ މުސްލިމް މުވައްޒަފުންނަށް ކޮންމެ ރޯދަމަހެއް ފެށުމުގެ ކުރިން ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހެއެވެ. ނަމަވެސް އަދިވެސް ބައެއް މުވައްޒިފުންނަށް ރޯދަ އިނާޔަތް ދީފައެއް ނުވެއެވެ.

ލޭބާ އޮތޯރިޓީން މިއަދު ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރޯދަ އިނާޔަތް ލިބިފައި ނުވާ ފަރާތްތަކުން އެ އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އޮތޯރިޓީގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން އޮންލައިންކޮށް ނުވަތަ އެ އޮތޯރިޓީއަށް ގޮސްގެން ފޯމު ނަގައިގެން ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ވަޒީފާއަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ވެސް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ރޯދަ މަސް ފެށުމުގެ ކުރިން ދޭންޖެހޭނެ ކަމަށެވެ. އެކަމަކު ވަޒީފާއަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް އިނާޔަތް ދިނުމަކީ އިޚުތިޔާރީ ކަމެކެވެ.

ގާނޫނުގައި މިހެން އޮތް ނަމަވެސް ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ މަހުގެ އެލަވަންސް ނުދޭކަމާއި އިނާޔަތް ދިންކަމުގައިވިޔަސް ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް މީގެ ކުރިން ލޭބާ ރިލޭޝަނުން ބުނެފައިވެއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރޯދަ އިނާޔަތް ނުދޭ ނަމަ ވަޒީފާ ދޭ ފަރާތަށް، ފުރަތަމަ ފަހަރު ނަސޭހަތްތެރިވުމަށް ފަހު އެކަން ތަކުރާރު ވެއްޖެ ނަމަ، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވަޒީފާއާބެހޭ ގާނޫގައިވެއެވެ.

comment ކޮމެންޓް