ރަމަޟާން ކްރިކެޓް ކާނިވަލް: އެމްއޭސީއެލް އަދި އޭވިއާ މޮޅުވެއްޖެ

ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން މުބާރާތުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން މުބާރާތުގައި މިއަދު ކުޅުނު މެޗްތައް އޭވިއާ މޯލްޑިވްސް އާއި އެމްއޭސީއެލުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅިވަރު އެކުވެނީ ދަނޑުގައި ކުޅުނު އޯޕަން މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ، ކޭޑީއެމް އާއި އޭވިއާ މޯލްޑިވްސްއެވެ. މިމެޗް އޭވިއާ މޯލްޑިވްސް ކާމިޔާބުކުރީ 6 ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ކޭޑީއެމް ކުޅެން އަރައި 7 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 105 ލަނޑެވެ. މި އިނިންގްސްގައި ކޭޑީއެމަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ 33 ލަނޑު ހެދި ހަސަން ހާޒިގާއި، 26 ލަނޑުހެދި އަހުމަދު މުނާޒެވެ.

ޖަވާބުގައި އޭވީއާ ކުޅެން އަރައި 7 އޯވަރުގެ ތެރޭ ވަނީ 109 ލަނޑު ހަދާފައެވެ. މި އިނިންގްގައި އެންމެ ގިނަ ލަނޑު ހަދާފައިވަނީ 35 ލަނޑު ހެދި ޖިލްވާޒް ރަޝީދެވެ.

މިއަދު ކުޅުނު ދެވަނަ މެޗް ދިވެހި ސިފައިންގެ ކްލަބާއި ބައްދަލުކޮށް އެމްއޭސީއެލް މެޗް ކާމިޔާބުކުރީ 8 ވިކެޓުންނެވެ.

ގުރުދިމާވުމުން ދިވެހި ސިފައިންގެ ކްލަބުން ގަސްދުކުރީ ކުޅުމަށެވެ. ސިފައިންގެ ކްލަބް ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑެވެ. ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި 5 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ ވަނީ 84 ލަނޑު ހަދާފައެވެ. މި އިނިންގްގައި އެންމެ ގިނަ ލަނޑު ހަދާފައިވަނީ އަހުމަދު އަމީލެވެ.

ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން މުބާރާތުގައި މަދާމާވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ، ސުގަކޯން އާއި ވާރެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ މީޓިއޯސް އާއި ޕޮލިހެވެ.

comment ކޮމެންޓް