އދ.ގެ އާލީ ވޯނިން ސިސްޓަމްގެ ދަށުން އެހީ ލިބޭ ފުރަތަމަ ގައުމުތަކުގެ ތެރޭ ރާއްޖެ

އދ.ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭސާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

ކާރިސާތަކުން ރައްކާތެރިވުމަށް ޓަކައި ދުރައިލައި އިންޒާރުދޭ ނިޒާމުތައް ގާއިމުކުރުމަށް އދ.އިން އެކުލަވައިލައިފައިވާ "އާލީ ވޯނިން ފޯ އޯލް" އެކްޝަން ޕްލޭނުގެ ދަށުން އެހީ ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

މި އެކްޝަން ޕްލޭނަކީ އދ.ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭސްގެ އިސްނެންގެވުމުގެ މަތިން 2027ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ކޮންމެ މީހަކީ ވެސް ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމުތަކުން ރައްކާތެރިކަން ކަށަވަރުވެފައިވާ ބަޔަކަށް ހެދުމަށް އެކުލަވައިލައިފައިވާ އެކްޝަން ޕްލޭނެކެވެ.

މި އެކްޝަން ޕްލޭން އިފްތިތާހުކުރީ މިދިޔަ އަހަރު ބޭއްވި އދ.ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 27ވަނަ ކޮޕް ސަމިޓުގައެވެ.

މި އެކްޝަން ޕްލޭނުގެ ދަށުން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތައް ހިމެނޭހެން، ކާރިސާތަކުން ބޮޑެތި ގެއްލުން ލިބުމުގެ ފުރުސަތު އެންމެ ބޮޑު 30 ގައުމަށެވެ.

އދ.ގެ މި އެކްޝަން ޕްލޭނުގެ ދަށުން ކާރިސާތަކުން ރައްކާތެރިވުމަށް ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ބައިނަލްއަގްވާމީ އެކި ފަރާތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ޕްލޭންގެ ދަށުން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ކާރިސާތަކުން ރައްކާތެރިވުމުގައި ގައުމުތަކުގެ މެދުގައި ހުރި ފަރަގުތައް ދެނެގަަންނާނެއެވެ. އަދި ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކާރިސާތަކާ ގުޅޭގޮތުން ބޭނުންކުރާނެ ވަސީލަތްތައް ހުރި މިންވަރު ދެނެގަތުމާއި ކޮންމެ ގައުމެއްގެ ވެސް ޚާއްސަ ހާލަތްތަކަށް ރިއާޔަތްކުރާނެއެވެ.

މި އެކްޝަން ޕްލޭން ތަންފީޒުކުރާ މިންވަރު ބަލާނީ ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއުއެމްއޯ)އާއި އާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭ އދ.ގެ އޮފީސް، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (ޔޫއެންޑީއާރްއާރް)އިންނެވެ.

އދ. އިން މިފަދަ އެކްޝަން ޕްލޭނެއް އެކުލަވާލާފައި މިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާރިސާތައް ކުރިމަތިވާ މިންވަރު އިތުރުވަމުން އަންނަ ދުވަސްވަރެއްގައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތައް މަދުކުރުމަށް އެދެވޭ ގޮތެއްގައި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، 2030ވަނަ އަހަރު އަންނަންވާއިރަށް އަހަރެއްގެ މައްޗަށް 560 ކާރިސާ ކުރިމަތިވުމުގެ ފުރުސަތު އޮންނާނެކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ބުނެއެވެ.

comment ކޮމެންޓް