ފަސް ވަނަ ރޯދަ، ލުނބޯ ކިލޯއެއް 70 ރުފިޔާއަށް!

ރޯދަޔާއެކު ބާޒާރުމަތި ތިޔާގި ވުން: ލުނބޯގެ އަގުވަނީ އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ބަރަކާތްތެރި ރަމަޟާން މަސް ފެށުނީއްސުރެ ބާޒާރުމަތިން އެންމެ އަގުބޮޑުކޮށް ވިކެމުންދާ އެކައްޗަކަށް ވާނީ ލުނބޯއެވެ. މިއަދަކީ ފަސް ވަނަ ރޯދައަށް ވީއިރު ވެސް، އެ ލުނބޯގެ އަގަށް ބަދަލެއް ނާދެއެވެ.

ބާޒާރުމަތީގެ ގޮޅިތަކަށް ހިނގާލުމުން އެނގުނީ ލުނބޯގެ އަގު ޢާންމުކޮށް އުޅެނީ ކިލޯއެއް 70 ރުފިޔާއަށް ކަމެވެ. އަދި ބައެއް ގޮޅިތަކުން ލުނބޯ ކިލޯއެއް 90 ރުފިޔާއަށް ވެސް ދަނީ ވިއްކަމުންނެވެ.

ލުނބޯގެ އަގު މިހާ ބޮޑުވީ ކީއްވެތޯ ބެލިއިރު، މުޅި މާރުކޭޓުގައި ހުރީ ހުސް އިމްޕޯޓު ކުރި ލުނބޯއެވެ.

ކުރިން ލުނބޯ ކިލޯއެއް 45 ރުފިޔާ އާއި 35 ރުފިޔާގެ ދެމެދުގެ އަގަކަށް ލިބެއެވެ.

ވިޔަފާރިވެރިން ބުނަނީ ލުނބޯގެ އަގު މިހާރު އެ ހުރީ އެވެރެޖްކޮށް ހުންނަ ވަރުގައި ކަމަށެވެ.

ލުނބޯގެ އިތުރުން ކެރެޓު ކިލޯއެއްގެ އަގު ވެސް އަދިވެސް ތިރިއެއް ނުވެއެވެ. ރޯދައިގެ ކުރިން ވެސް ކެރެޓު ކިލޯއެއްގެ އަގު ހުރީ 65 ރުފިޔާ އާއި 70 ރުފިޔާ ދެމެދުއެވެ. މިއަދަކީ ފަސް ވަނަ ރޯދައަށް ވީއިރު ވެސް، ކެރެޓުގެ އަގު ހުރީ ދާދި އެއްވަރެއްގައެވެ. މީގެ ކުރިން ކެރެޓު ކިލޯއެއް ވެސް 55 ރުފިޔާ އާއި 45 ރުފިޔާގެ ދެމެދުގެ އަގަކަށް ލިބެއެވެ. އަދި ބައެއް ފަހަރު އެއަށް ވުރެ ވެސް އަގުހެޔޮ ވެއެވެ.

ދިވެހީންނަށް ރޯދައިގެ ޚާއްސަކަން އިޙުސާސްވާ ކަރާގެ ދެ ވައްތަރެއް ބާޒާރުގައި އުޅޭ އިރު، ރާއްޖޭގެ މަޝްހޫރު ތޮއްޑޫ ކަރާ ކިލޯއެއް އުޅެނީ 30 ރުފިޔާ އާއި 25 ރުފިޔާ ދެމެދުއެވެ. އެކަމަކު އިންޑިޔާއިން ގެނައި ކަރާ އުޅެނީ 18 ރުފިޔާ އާއި 20 ރުފިޔާ ދެމެދުއެވެ. މީގެ މައިގަނޑު ސަބަބެއް ކަމުގައި ވިޔަފާރިވެރިން ބުނަނީ ތޮއްޑޫ އިން ކަރާ ލިބުމުގައި ވެސް ނިމިދިޔަ އަހަރަށް ވުރެ ބޮޑު ތަނުން އަގުބޮޑު ވުމެވެ.

ރޯދަ މަހަކީ މިފަދަ ތަކެއްޗަށް ބޮޑު ޑިމާންޑެއް އޮންނަ މަހަކަށް ވީއިރު، ރޯދަ މަހާ ދިމާކޮށް އެފަދަ ތަކެތީގެ އަގު ބޮޑު ވުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

comment ކޮމެންޓް