މެރުއާނާ ހުއްދަ ކުރަން ގޮވާލުމުން ކަންބޮޑުވުން ފާޅުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި މެޑިކަލް މެރުއާނާ ހުއްދަ ކުރަން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލުމާއެކު މަޖިލީހުގެ އެހެން މެމްބަރުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ސިޔާސަތު ބަދަލުކުރަން ގޮވާލާ ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އެ ވަބާއިން ގައުމު ސަލާމަތް ކުރާނެ ގޮތެއް މިނިސްޓަރަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައިގައި ގޮތެއް ނުފެނި ޒުވާން ޖީލެއް ހަލާކުވެގެން ދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެކަމަށް ހައްލެއް ބޭނުން ވާ ކަމަށާއި އޮތް ހަމަ އެކަނި ގޮތަކީ މެޑިކަލް މެރުއާނާ ބޭނުން ކުރުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ބާރުގަދަ ޑްގަރް ބޭނުން ކުރާ މީހާއާ އެއްވަރުގެ ހުކުމް މި އަންނަނީ. މެޑިކަލް މަރުއާނާ ހުއްދަ ކުރަންވީ ރާއްޖޭގައި. އެއީ މިކަމަށް އޮތް ބޭހަކީ،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި މެރުއާނާ ހުއްދަ ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގާނޫނުން ހުއްދަކޮށްގެން ނޫނިއްޔާ ނުކުރެވޭ ކަންކަން ގާނޫނުގެތެރެއިން ހުއްދަ ކޮށްގެން ވެސް ކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހުއްޓުވާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މަކުނޫދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުޙައްމަދު ރާއީ ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ. މެމްބަރު ވިދާޅުވީ މިފަދަ މާތް މަހެއްގައި ދީނާ ނުގުޅޭ އަދި ފުށޫ އަރާ ވާހަކައެއް ދައްކަމުން ދާއިރު ރިޔާސަތުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި އަފީފް ވިދާޅުވީ މައްސަލައަކަށް ބަހުސް ކުރާއިރު އޭގަހުރި މައްސަލައަށް ވާހަކަ ދެކެވެން ޖެހޭނެ ކަމަށެވެ. އަދި އެއީ ދީނާ ޚިލާފު މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއާއެކު އަފީފް ވަނީ އަލުން ޖާބިރަށް ފުރުސަތު ދެއްވާފައެވެ. ނަމަވެސް ހަމައެވަގުތު ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އަދި ވިދާޅުވީ މަސްތުވާތަކެތީގެ ވާހަކަދައްކައި އެ ޕްރޮމޯޓު ކުރުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއް ކަމަށް ނުބެލެވޭ ކަމަށެެވެ.

މެމްބަރުގެ އެ ވާހަކައަށް ރައްދު ދެއްވައި އަފީފް ވިދާޅުވީ މަޖިލީސް މެމްބަރުންނަކީ ދީނީ ބަހުސް ކުރާ ބައެއް ނޫން ކަމަށެވެ. އަދި އަނެއްކާ ވެސް އަފީފް ވަނީ ޖާބިރަށް ފުރުސަތު ދެއްވާފައެވެ. ޖާބިރުގެ ވާހަކައިގައި ފަހުން ވެސް ވަނީ އެކަމަށް ބާރުދޭ ގޮތަށް ވާހަކަދައްކަވާފައެވެ.

comment ކޮމެންޓް