މިދިޔަ މަހު އިއުލާނު ކޮށްފައިވާ ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ފިލްމު "މާޑާ މުބާރަކް"ގެ ދެވަނަ ޝެޑިއުލްގެ މަސައްކަތް ބަތަލާ ސާރާ ޢަލީ ޚާން ފަށައިފިއެވެ.
މި މަހު 31 ގައި ޑިޒްނީ ހޮޓް ސްޓާއިން ޕްރިމިއާ ކުރަން ނިންމާފައިވާ ފިލްމު "ގޭސް ލައިޓް"ގެ ޕްރޮމޯޝަން އިވެންޓުތަކަށް ފަހު ބަތަލާ ވަނީ "މާޑާ މުބާރަކް"ގެ ދިއްލީ ޝެޑިއުލް ފުރިހަމަ ކުރަން ނިއު ދިއްލީގެ ޓީމާ ގުޅިފައެވެ.
ބޮޑު ކާސްޓެއް ހިމެނޭ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް ޕްރޮޑަކްޝަންގެ މި ފިލްމުގައި ސާރާ ފެންނާނީ ކޮންކަހަލަ ރޯލަކުންކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ސާރާގެ އިތުރުން ފިލްމުގެ ކާސްޓުންގެތެރޭގައި ޑިމްޕަލް ކަޕާޑިއާ، ކަރިސްމާ ކަޕޫރު، ސަންޖޭ ކަޕޫރު، ވިޖޭ ވަރުމާ، ޕަންކަޖް ތްރިޕާތީ އަދި ނީރަޖް ސިދާވަތް ހިމެނެއެވެ. މީގެ ކުރިން މި ފިލްމުގެ ރޯލަކުން އަރުޖުން ކަޕޫރު ފެންނާނެ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އެއްވެސް ފަރާތަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.
ސާރާ ވަނީ ފިލްމުގެ ފުރަތަމަ ޝެޑިއުލް މީގެ ދުވަސްކޮޅެއް ކުރިން މުމްބާއީގައި ފުރިހަމަ ކޮށްފައެވެ.
ސާރާ މުހިއްމު ރޯލަކުން ފެނިގެން ދާ "ގޭސް ލައިޓް"އަށް ފަހު ހޯމީ އަދަޖާނިއާގެ ފިލްމުގެ އިތުރުން އިތުރު ދެ ފިލްމަކަށް ވަނީ ސޮއި ކޮށްފައެވެ. އެއީ "އޭ ވަޠަން މޭރޭ ވަޠަން" އަދި ލަކްޝްމަން އުތޭކަރުގެ ފިލްމެކެވެ. މި ފިލްމުގް ސާރާއާ އެކު ފެނިގެންދާނީ އެކްޓަރު ވިކީ ކޯޝަލްއެވެ.
ފިލްމު "މާޑާ މުބާރަކް"އަކީ، ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ބަތަލާ ކަރިސްމާ ކަޕޫރު ސްކްރީނުން ފެނިގެން ދާ ފުރަތަމަ ފިލްމު ވެސް މެއެވެ. މިއީ ކަރިސްމާގެ އިތުރުން ތަޖުރިބާހުރި ތަރިންތަކަކާ އެކު ސާރާ މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.