ހޮންޑިއުރާސްއިން ޓައިވާނާ އެކު ބާއްވަމުން އައި ޒަމާންވީ ގުޅުން އެއްކޮށް ކަނޑާލައި، ޗައިނާއާ އެކު ރަސްމީ ގުޅުންތައް އަލުން ގާއިމުކޮށްފިއެވެ.
ޗައިނާގެ ވެރި ރަށް ބެއިޖިންގައި، ދެ ގައުމުގެ ގުޅުން ރަސްމީކުރަން ސޮއިކުރެއްވުމަށް ފަހު ޗައިނާގެ ފޮރިން މިނިސްޓްރީން ބުނިީ ހޮންޑީއުރާސްގެ މި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
ހޮންޑިއުރާސްގެ ފޮރިން މިނިސްޓްރީން ކުރި ޓްވީޓުގައި ވެސް ބުނީ "އެ ގައުމުގެ ސަރުކާރުން ބަލައިގަންނަނީ ދުނިޔޭގައި އެންމެ ޗައިނާއެއް އޮތް ކަމަށެވެ." އެގޮތުން ބެއިޖިންގެ ސަރުކާރަކީ މުޅި ޗައިނާގެ ރަމްޒުކޮށްދޭ ސައްހަ ހަމަ އެކަނި ސަރުކާރު ކަމަށާއި އަދި ޓައިވާނަކީ ވަކި ނުކުރެވޭނެ ޗައިނާގެ ސަރަހައްދެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޓައިވާނުގެ ފޮރިން މިނިސްޓަރު ޖޯސެފް ވޫ ވިދާޅުވީ ހޮންޑިއުރާސްގެ މި ނިންމުމާ އެކު އެގައުމުގައި ހުރި ޓައިވާނު އެމްބަސީ ބަންދުކޮށް ސަފީރު އަނބުރާ ގެންނަވާނެ ކަމަށެވެ.
ވޫ ވިދާޅުވި ގޮތުގައި، ހޮންޑިއުރާސްއިން މިކަން ކުރީ އެތައް ބިލިއަން ޑޮލަރެއްގެ އެހީ ހޯދުމަށް ޗައިނާ އާއި ޓައިވާނު ސަރުކާރުން އެދުމަށް ފަހުއެވެ. އެގޮތުން މީގެ ދެ ހަފްތާ ކުރިން އެހީގެ ގޮތުގައި 2.45 ބިލިއަން ޑޮލަރު ދިނުމަށް ހޮންޑިއުރާސްއިން އެދިފައިވާ ކަމަށާއި ހޮސްޕިޓަލެއް އަޅާ ދިނުމަށާއި އަދި ލޯނުތައް މައާފުކޮށްދިނުމަށް ޑިމާންޑުކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާއިން ބުނާ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ސަރަހައްދުގެ ބައެއްކެވެ. އެހެންނަމަވެސް ޓައިވާނަކީ ޑިމޮކްރަސީއާ ރަސްމީ ގުޅުންތައް ބާއްވާ ގައުމުތަކާ ގިނަ ގުޅުންތަކަށް ދެކޮޅު ހަދާ ބައެއްގެ ގޮތުގައި ޗައިނާ އިން ބުނެއެވެ. ޗައިނާ އާއި ޓައިވާނުގެ ގުޅުން ކެނޑުނީ ޗައިނާގެ ދާހިލީ ހަނގުރާމައަށް ފަހު، 1949 ވަނަ އަހަރުއެވެ.
ޗައިނާއިން އާ ގުޅުންތައް ގާއިމްކުރަމުން ދަނީ ބެއިޖިން އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ޗައިނާ އާއި ހޮންޑިއުރާސްގެ ގުޅުން އިއުލާން ކުރީ ހޮންޑިއުރާސް އާއި ޓައިވާން ސަރުކާރުން ގުޅުން ކަނޑާލާ ކަމަށް ވަކިވަކިން އިއުލާން ކުރުމަށް ފަހުއެވެ. މިއާއެކު ޓައިވާނާ އެކު ރަސްމީ ގުޅުންތައް ގާއިމުކޮށްފައި އޮތް ގައުމުތަކުގެ އަދަދު ވަނީ 13 ގައުމަށް ވެއްޓިފައެވެ.