އާ އުސޫލާއެކު މާލޭގެ ހުރިހާ ގޭބިސީތަކުން ކުނި ނެގުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯގެ ޚިދުމަތްތަކުން ނަގާމުންދާ ފީ ކަރަންޓު ބިލުގައި ހިމެނުމަށް މިހާރު ވަނީ ނިންމާފައެވެ. އަންނަ މަހުން ފެށިގެން އެގޮތަށް އަމަލުކުރަން ނިންމާފައިވަނީ ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރޯދައަށްވެފައިވާ ތައްޔާރީތަކާ ގުޅޭ ގޮތުން ރޭ އެސްއެސްޓީވީގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ހައުސް ހޯލްޑް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ އެހެންމަސްތަކާ ހިލާފަށް ވެމްކޯއިން ރޯދަމަހަށް ވަރަށް ބޮޑަށް ތައްޔާރުވާ ކަމަށެވެ.
އެހެން މަސްތަކާ ހިލާފަށް ރޯދަމަހަކީ ގިނަ އަދަދެއްގެ ކުނި ގެތަކުން ބޭރުކުރާ މަހެއްކަން ފާހަގަކޮށް ޝާން ވިދާޅުވީ, އެވަރެޖްކޮށް އުފައްދާ ކުނީގެ ދެތިން ގުނަ އިތުރަށް ކުނި ރޯދަމަހުގެ ފުރަތަމަ ތިން ދުވަހު ވެމްކޯއިން އެއްކުރާ ކަމަށެވެ. އެކަމަށް ވެމްކޯ އޮންނަނީ ތައްޔާރަށް ކަމަށް ޝާން ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މާލޭގެ ހުރިހާ ގޭބިސީތަކަކުން ކުނި ނަގާނެތީ އެއީ އަދި ރޯދަމަހުގެ ތެރޭގައި ކަމުގަ ވާތީ އެކަމަށް އަޅުގަނޑުމެން މި ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި," ޝާން ވިދާޅުވިއެވެ.
ވެމްކޯއިން އެދިފައިވަނީ ރޭގަނޑު އަށަކާއި ނުވައަކާ ދެމެދު ގޭބިސީތަކުން ކުނި ބޭރަށް ނެރުމަށެވެ. އެގޮތުން ރޯދަމަހު ގޭބިސީތަކުން ކުނި އެއްކުރުމަށް ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރިވާނީ ރޭގަނޑު 8:30 އިން ފެށިގެން މެންދަމު ދޭއް ޖަހަންދެކަށެވެ.
"އޭޕްރީލް އެކަކާ ހަމައަށް އަޅުގަނޑުމެން ފްލޯތަކަށް އަރައިގެން ހަމަ ކުނި ނަގާނަން. އެއީ އަޅުގަނޑުމެންނާ އެކު އެގްރީމެންޓް ކުރެވިފައިވާ ބޭފުޅުންގެ ގޭ ބިސީތަކުން," ޝާން ވިދާޅުވިއެވެ.
އޭޕްރީލް އެކަކުން ފެށިގެން ދެން ވެމްކޯއިން ކުނި ނެގުމަށް ގޭބިސީތަކުގެ ފަންގިފިލާތަކަށް ނާރާނެކަން ފާހަގަކޮށް ޝާން ވިދާޅުވީ އެ ދުވަހުން ފެށިގެން ދެން ކުނި ނަގަމުންދާނީ ގްރައުންޑުން ކަމަށެވެ.
"އަޅުގަނޑުމެންގެ ބިލް ޓައިވެގެން ދާނީ ސްޓެލްކޯގް ބިލްއާ. އޭޕްރީލް އެކަކާ ހަމައަށް އަޅުގަނޑުމެން ސާވިސް ފޯރުކޮށްދޭނީ ވެމްކޯގައި މިވަގުތު ރަޖިސްޓްރީކޮށްފަ ތިއްބެވި ބޭފުޅުންނަށް," ޝާން ވިދާޅުވިއެވެ.