މި ރަމަޟާން މަހު، އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރައީސް އިލްތިމާސް ކުރައްވައިފި

ރައީސް ޞާލިހު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މި ރަމަޟާން މަހު، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީސް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް އެކަމަށް އިލްތިމާސްކުރެއްވީ، 1444 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވަނީ، ރަމަޟާންމަހަކީ، ކީރިތި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއެކު، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ، އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް އިސްލާހުކޮށް، ހަޔާތުގެ އާބާތުރަ ފިލުވައި، އިސްލާހުގެ މަގުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް، މާތްﷲ ދެއްވާ މަތިވެރި ފުރުސަތެއްކަން ވެސް އެމަނިކުފާނުގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ، ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށެވެ. އަދި ރޯދައިގެ އިޖްތިމާއީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ސުލްހަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުން ކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ މި މާތް މައްސަރުގެ ނިއުމަތްތަކާއި ރަޙުމަތާއި ދަރުމައާއި ސަވާބު، އުންމަތަށް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

comment ކޮމެންޓް