ޝީގެ ރަޝިއާ ދަތުރުފުޅު: ދެ ގައުމުން ހަ ކަމަކަށް އެއްބަސްވެއްޖެ

ޕޫޓިން ޝީ އާ ބައްދަލުކުރައްވަނީ

މޮސްކޯ (22 މާޗް 2023): ޗައިނާގެ ރައީސް ޝީޖިންޕިން، ރަޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން މައިގަނޑު ހަ ކަމަކަށް އެއްބަސްވެއްޖެއެވެ.

ރަޝިއާ އާއި ޗައިނާއިން ހެދި އެއްބަސްވުންތަކުގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ، ދެގައުމުގެ ދެމެދުގައިވާ ގުޅުންތައް ސްޓްރެޓީޖިކް ލެވެލްއަށް ގެންދަން ނިންމުމެވެ.

މީގެކުރިންވެސް ދެގައުމުގެ ދެމެދުގައި އޮތީ ސްޓްރެޓިޖިކް ފެންވަރުގެ ގުޅުންތަކެއް ނަމަވެސް އެކަން ރަސްމީގޮތެއްގައި ދެގައުމުން ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް ޝީ ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުން ސޮއިކުރި އެއްބަސްވުންތަކާއި ފަހުމުނާމާތަކުގައި ދެގައުމުގެ ދެމެދުގައި މިހާރުއޮތީ ސްޓްރެޓީޖިކް ލެވެލްގެ ގުޅުންތަކެއްކަން ބަޔާންކޮށް އެކަންވަނީ ކަށަވަރުކޮށްދީފައެވެ.

ދެވަނަ ކަމަކީ ބޮޑު އެއްބާރުގެ ނުފޫޒާއި ބާރު އޮންނަ ގޮތަށް ބައްޓަންކޮށްފައިވާ އިންސާފާއި ހަމަހަމަކަންނެތް ބައިނަލްއަގްވާމީ ނިޒާމު ދެގައުމު ގުޅިގެން ބަދަލުކޮށް، ގިނަ ބާރުތަކެއްގެ މައްޗަށް ބާރާއި ނުފޫޒު ބެހިފައިވާ ހަމަކަމާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ ނިޒާމެއް ގާއިމްކުރުމަށް ގުޅިގެން މަސައްކަތްކުރަން އެއްބަސްވުމެވެ. ޝީއާއި ޕޫޓިން ބޭއްވި ގުޅިފައިވާ ނޫސް ކޮންފަރެންސްގައި އެ ދެ ބޭފުޅުންވަނީ ދުނިޔެ މިހާރު ވަނީ ބޮޑު އެއްބާރުގެ ބަދަލުގައި ގިނަބާރުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް އަލިވިލުމުގެ މަގުމަތީގައި ކަމަށް ވިދާޅުވެފައެވެ.

ތިންވަނަ ކަމަކީ ދެގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންތައް މިހާރަށްވުރެމާ ބޮޑަށް ފުޅާކުރުމާއެކު އިންވެސްޓްމަންޓްތައްވެސް އިތުރުކުރުމެވެ. މީގެތެރޭގައި ދެގައުމު ގުޅިގެން އައު ސިނާއަތްތައް އުފެއްދުންވެސް ހިމެނެއެވެ. މިގޮތުން ދެގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތުތަކުގެ މިންވަރު އަހަރެއްގެ މައްޗަށް ދެ ބިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.

ހަތަރުވަނަކަމަކީ ޗައިނާއާއި ރަޝިއާއާ ދެމެދު ހިނގާ ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކެއްގައި އެދެގައުމުގެ ފައިސާ ބޭނުންކުރާ ވަރު އިތުރުކުރުމެވެ. މިގޮތުން ދެ ގައުމުގެ ފައިސާ ބޭނުން ކުރާ މިންވަރު ތިރީސް އިންސައްތައަށްވުރެ އިތުރުކުރުމަށާއި މުސްތަގްބަލުގައި އެއަށްވުރެވެސް އިތުރުކޮށް، އެމެރިކާގެ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ދެގައުމުން އެއްބަސްވިއެވެ.

ޔުކްރެއިން ހަނގުރާމައާއެކު އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖެހުމަށާއި އެފިޔަވަޅުތަކުން ސަލާމަތްވުމަށް ރަޝިއާވަނީ އެގައުމުގެ މައިގަނޑު އެކްސްޕޯޓްކަމަށްވާ ތެލާއި ގޭހުގެ ވިޔަފާރި އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަޝިއާގެ ރުބެލް ބޭނުންކޮށްގެން ކުރުމަށް ނިންމާފައެވެ.

އެހެންކަމުން މަދު ހާލަތެއްގައި މެނުވީ ރަޝިއާ ތެލާއި ގޭހުގެ ވިޔަފާރި މިހާރު ވިއްކަނީ ޑޮލަރުގެ ބަދަލުގައި ރުބެލް ބޭނުންކޮށްގެންނެވެ. އެނޫން ވިޔަފާރީގެ މުއާމަލާތްތަކުގައި އެކި ގައުމުތަކާއެކު ރުބެލްގެ އިތުރުން އެގައުމުތަކުގެ ފައިސާ ވެސްވަނީ މިހާރު ބޭނުންކުރަން ފަށާފައެވެ.

ޝީގެ ދަތުރުފުޅުގައި ޗައިނާ އާއި ރަޝިއާއިން އެއްބަސްވި މައިގަނޑު ފަސްވަނަ ކަމަކީ ރަޝިއާގެ ގޭސް ޗައިނާއަށް ފޮނުވަން ދެގައުމުގެ ދެމެދުގައި ގޭސް ހޮޅިއެއް އެޅުމާއި އޭޝިއާ ފަޅިން ދެގައުމުގެ ދެމެދުގައި އިތުރު ބުރިޖްތައް އަޅައި ދެގައުމުގެ ދެމެދުގައި އެއްގަމުން ދަތުރުކުރެވޭނެ ފަސޭހަ މަގުތަކެއް ބިނާކުރުމެވެ.

ހަވަނަ ކަމަކީ ދެގައުމުން ފަޒާގެ ޓެކްނޮލޮޖީއާއި ޑިޖިޓަލް އަދި އައިޓީ ޓެކްނޮލޮޖީއާއި ނިއުކްލިޔާ ޓެކްނޮލޮޖިއާއި މަސްނޫއީ ސިކުނޑީގެ ޓެކްނޮލޮޖީފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތަރައްގީކުރުމުގައި އެއްގައުމު އަނެއްގައުމަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމެވެ. މިގޮތުން ރަޝިއާ ކުރިއަރާފައިވާ ފަޒާއާއި ނިއުކްލިއާ ދާއިރާގައި ރަޝިއާއިން ޗައިނާއަށް އެހީތެރިވެދިނުމަށާއި ރަޝިއާއިން ޗައިނާގައި ނިއުކްލިޔާ ރިއެކްޓަރުތައް ބިނާކޮށްދިނުން ހިމެނެއެވެ.

މީގެ މުގާބިލުގައި ޗައިނާ ވަނީ އެގައުމު ކުރިއަރާފައިވާ ޑިޖިޓަލް އަދި އައިޓީ ޓެކްނޮލޮޖީއާއި މަސްނޫއީ ސިކުނޑީގެ ޓެކްނޮލޮޖީގައި ޗައިނާއިން ރަޝިއާއަށް އެހީތެރިވެދިނުމަށް ދެގައުމުންވަނީ އެއްބަސްވެފައެވެ. ޗައިނާއާއި ރަޝިއާގެ މިއެއްބަސްވުންތަކާމެދު އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ވަނީ ކަންބޮޑުވެ އެކަންބޮޑުވުން އެކިގޮތްގޮތުން ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް