މާރާމާރި މައްސަލައިގައި ހޯދަމުންދިޔަ ފައިހު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ފުލުހުން ހޯދަމުން ދިޔަ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިޙް ނިޒާމް--- ފޮޓޯ/ ފުލުހުން

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަމުން ދިޔަ ސ. މަރަދޫ، ރަށްދެބައިގެ، 25، އިބްރާހީމް ފައިޙު ނިޒާމް އަމިއްލައަށް މިރޭ ފުލުހުންނާ ހަވާލުވެއްޖެއެވެ.

ފައިޚު ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ވެސް އޭނާ ވީތަނެއް ނޭނގިގެން ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު އޭނާ ހޯދަން ދެވަަނަ ފަހަރަށް އިއުލާންކޮށްފައެވެ.

އޭގެ ފަހުން މާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި، އޭނާ ފޮރުވައިގެން އުޅޭކަމުގެ ތުހުމަތުގައި ގޭންގެއްގެ ބަޔަކު ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުންގެ ބަންދު މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ފައިޙު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއަދު މާލޭގައި އޭނާ ހޯދަން އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައަކީ މިފަހަކަށް އައިސް މާލޭ ސަރަހައްދުގައި ހިންގާ ސިލްސިލާ ގޭންގު މާރާމާރީތަކާ ގުޅޭ މާރާމާރީއެކެވެ. ދާދި ފަހުން މާލޭގެ ފިހާރައެއްގެ ތެރޭގައި ވެސް ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލާފައެވެ.

comment ކޮމެންޓް