ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބި އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް ގަޔަށް ވަޅި ޖަހާ މަރާލިކަން ސާބިތުވެ، ލ. ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތު މަރަން ހުކުމް ކޮށްފިއެވެ.
ހަމްދޫން ހަމްޒަތު މަރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ، އޭނާގެ މައްޗަށް އާގިލް މަރާލިކަން ސާބިތުވެ، އާގިލްގެ ވާރިސުންގެ ފަރާތުން މަރަށް މަރު ހިފަން ބޭނުންވުމުންނެވެ.
މި މައްސަލައިގައި ދައުލަތުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެ އެވެ. އެކަމަކު، ހަމްދޫން ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ.
ދައުލަތުން އުފުލި މި ދައުވާގައި ބުނެފައިވަނީ ހަމްދޫން ހަމްޒަތު، 31 އޮގަސްޓު 2018 ދުވަހު 19:30 އެހައިކަށްހައިއިރު، ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑާ" ލޯންޗު އެމްއެމްއޭއާ ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތްކުރި ވަގުތު އެ ލޯންޗުން ފޭބި ގދ. ފަރެސްމާތޮޑާ ފަރެސްއަވަށް، ކޮކާ، އިބްރާހީމް އާގިލުއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާތީއާއި، ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް 31 އޮގަސްޓު 2018 ދުވަހު 20:59 އެހައިކަށްހައިއިރު، އިބްރާހީމް އާގިލު ނިޔާވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ކުށް ސާބިތުވުމުން، އާގިލުގެ ވާރިސުންކަމުގައިވާ އޭނާގެ މަންމަ އާ ބައްޕަ ބޭނުންވީ ގިސާސް ހިފާށެވެ. އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށްފަހު އޭނާ މެރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުކުމް ކުރީ، އާދިއްތަ ދުވަހެވެ.
މި މައްސަލައިގެ ޝަރިއަތުގައި ހެކިވެރިޔަކު ބުނި ގޮތުގައި އެމްއެމްއޭ ސަރަހައްދުގައި ހަމްދޫނާއި އެހެން މީހަކު އެރޭ ހަރަކާތްތެރިވަމުން ދިޔައިރު، އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ސީސީޓީވީ ފުޓޭޖްތަކުން ސާފުވެއެވެ. އަދި ވަޅި ހިފައިގެން އާގިލް ފަހަތުން އޭނާ ދުވި މަންޒަރާއި، ވަޅިޖެހުމާއި އެކު އާގިލް ވެއްޓުނު މަންޒަރާއި، އެވަގުތު ހަމްދޫން މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ވިލިނގިލި ފެރީ ޓާމިނަލަށް ދިޔަ މަންޒަރު ފެނުން ކަމަށް ހެކިވެރިޔާ ބުންޏެވެ.
ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ އަދި ފޮޓޯގެ ތިން ހެކީގެ ތެރެއިން ފުރަތަމަ ފުޓޭޖްގައި ހަމްދޫންއާ އެއްގޮތް ފަސް ސިފައެއް ފެންނަ ކަމަށާއި، ސައިކަލަށް އަރައިގެން ދާ މަންޒަރު ދައްކުވައިދޭ ދެވަނަ ވީޑިއޯގައި އޭނާއާއި އެއްގޮތްކަން ރަމްޒުކޮށްދޭ ތިން ސިފައެއް ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ހަމްދޫން ސައިކަލުގައި ގެންދިޔައީ އާގިލް މަރާލުމުގައި އެހީވި ކަމުގެ ދައުވާ އުފުލާފައިވާ ވިޝާމް ކަމަށާއި އެއީ އޭނާކަން ކަށަަވަރުކުރީ އެއްގޮތް ކަމަށް ބެލެވޭ ހަތް ސިފައެއް ފެނުމުންކަން ފާހަގަކުރިއެވެ.
މި މަންޒަރުތައް ފުލުހުން ނަނާގަފައިވަނީ ޖުމްލަ 20 ސީސީޓީވީ ފުޓޭޖުންނެވެ.
އެމްއެމްއޭ ކައިރީގައި ހަމަލާދީ މަރާލި އިބްރާހިމް އާގިލް އާއި އޮޓޯ ގަރާޖު ކައިރީގައި މަރާލި އިސްމާއިލް ޝައްފާންގެ މަރަކީ ބަދަލު ހިފުމުގެ މަރުތަކެއް ކަމަށް ފުލުހުންވަނީ ބުނެފައެވެ.