ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު، ގޭންގު ގާނޫނުގެ ދަށުން ބަންދުކޮށްފި

ކްރިމިނަލް ކޯޓު: ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު، ގޭންގު ގާނޫނުގެ ދަށުން ބަންދުކޮށްފި -- ސަން ފޮޓޯ

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، ގޭންގު ގާނޫނުގެ ދަށުން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ގޭންގު ގާނުނުގެ ދަށުން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކުރީ ކ. މާފުށީ ތޯތާގެ، ސާމިޙް މުހައްމަދު (28އ)ށެވެ.

އޭނާ ބަންދުކުރަން އަމުރު ކޮށްފައިވަނީ ގޭންގު ގާނޫނުގެ 58 މާއްދާގެ ށ ގެ ދަށުންނެވެ. އަދި އޭނާ ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ސާމިހުއަކީ ކުރިންވެސް ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަމަށާއި، އެގޮތުން ސީންގެ ފޮޓޯގެ އިތުރުން ހެކިންގެ ބަޔާނާއި، ސްނެޕް ޝޮޓްތައް ހުށަހަޅާފައިވާކަމަށް އެ ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ސާމިހު ބަންދުގައި ބަހައްޓަން ޖެހެނީ ގޭންގުތަކުން ހިންގާ ކުއްތަކާއި، އެ ނޫންވެސް ނުރައްކާތެރި ކުށްތަށް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ ހ އަދި ށ ގެ ދަށުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނާ މާއްދާގެ ދަށުން ކަމަށެވެ.

ގޭންގު ކުއްތަށް ހުއްޓުވުމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ ހ ގައި ވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމާއެކު، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ފަނޑިޔާރު ކަނޑައަޅަން ވާނެ ކަމަށެވެ. އަދި އެފަދައިން ކަނޑައެޅުމުގައި، އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ އެ ކުށުގެ އަމަލުގައި ބައިވެރިވި ކަމަށް ބެލުމަށް އެކަށީގެންވާ ހެކި ހުރެގެންތޯ ބެލުމާއެކު، ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކޮށްފައިވޭތޯ ފަނޑިޔާރު ބަލަންވާނެއެވެ.

https://sun.mv/214067

ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ ސާމިހުއަކީ މި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ފަރާތެއްކަމަށާއި، އަދި މި ހާދިސާއަކީ ތޫނުއެއްޗެއް ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީއެއް ކަމަށެވެ. އަދި މި މާރާމާރީގައި ބޮޑެތި ޒަޚަމްތަކެއް އޭނާއަށް ލިބިފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު ހާދިސާއަށް ފަހު އޭނާ ފިލައިގެން އުޅޭކަމަށާއި، މީގެ ކުރިންވެސް އޭނާ ހައްޔަރުކުރުމަށް ހަތް ފަހަރު ކޯޓު އަމުރު ހޯދާފައިވާކަމަށް އައިއޯ ބުނެފައިވެއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ބަންދުގެ މުއްދަތު ޖަހާފައިވާއިރު، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ގޭންގުތަކުގައި ޒުވާނުން މިހާރު ނޫޅޭ ކަމަށާއި އެހެންކަމުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވިދާޅުވެފައެވެ.

https://sun.mv/214135

މި ސަރުކާރުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ހަދައިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގޭންގުތަކުގެ އަދަދު އެ މަނިކުފާނު ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުގައި އެއްސެވި ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު ގޭންގުތަކުގެ ގޮތުގައި ކިޔޭނެ ގުރޫޕުތައް ވަރަށް މަދުވެއްޖެ ކަމަށް އިހުސާން ވިދާޅުވި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގޭންގުތަކަށް ހުރަސްތައް އަޅައި ބޮޑެތި އަދަބު ދޭން ކަނޑައެޅީ، ޒުވާނުން ސަލާމަތް ކުރުމަށް ކަމަށެވެ.

comment ކޮމެންޓް