އެމްއާރުއެމުން އަދާލަތު ޕާޓީއާ ބައްދަލުކޮށްފި

އެމްއާރުއެމުން އަދާލަތު ޕާޓީއާ ބައްދަލުކުރުން -- ފޮޓޯ/ އަދާލަތު

މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރުއެމް އިން، އަދާލަތު ޕާޓީއާ މިއަދު ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމާބެހޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ އަދާލަތާއެކު މިއަދު މަޝްވަރާ ކުރެވުނީ ކޯލިޝަން ހެދުމުގެ ކުރިން ރިޢާޔަތް ކުރަންޖެހޭ ކަންކަމާބެހޭ ގޮތުން ކަމަށާއި އަދި އެ މަޝްވަރާތައް ނުނިމޭ ކަމަށެވެ.

"މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ކޯލިޝަން ހެދުމުގެ ކުރިން ރިޢާޔަތް ކުރަންޖެހޭ ކަންކަމާބެހޭ ގޮތުން. އަދާލަތާއި އެމްޑީޕީއާއެކު ވެސް އަދި މަޝްވަރާތައް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

އަދާލަތުން ކުރި ޓްވީޓްގައި ބުނީ އެ ޕާޓީން އެމްއާރުއެމްއާ ބައްދަލުކުރީ އެ ޕާޓީން އެދިގެން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ހިނގަމުން މިދާ ރިޔާސީ ދައުރުގައި ކުރެވުނު ތަޖުރިބާތަކާއި ކުރިއަށް އޮތް ތަނުގައި ވެސް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނު ކަމަށް ޓްވީޓުގައި ވެއެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއިދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

އެކަމަކު ޖޭޕީން ނިންމާފައި ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބަށް ނެރުމަށެވެ. ޖޭޕީން މިހާރު ވަނީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް، ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައެވެ.

އެމްއާރުއެމްއިން ވަނީ މީގެ ކުރިން ޖޭޕީ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްއާ ބައްދަލުކޮށް، މަޝްވަރާތައް ކޮށްފައެވެ.

comment ކޮމެންޓް