ދިއްފުށީގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ކ. ދިއްފުށި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ދިއްފުށީގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

އެ ހާދިސާއާ ބެހޭ މައުލޫމާތު އެނގޭ މީހަކު 'ސަން'އަށް ބުނީ, މަރުވެފައިވަނީ ދިއްފުށީ ބީޗު ސަރަހައްދުން ސްނޯކްލިންއަށް ގޮސް އުޅުނު ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ ގެނބިގެން ކަމަށް ބެލެވޭއިރު އެއީ ފަތަން އެނގޭ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މައުލޫމާތު ދިން މީހާ ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު، އެ ފިރިހެން މީހާގެ އަނބިމީހާ ވެސް އެ ސަރަހައްދުގައި ހުއްޓެވެ. ނަމަވެސް އެ ފިރިހެން މީހާ އޮތީ މާ ދުރު ހިސާބެއްގައި ކަމަށާއި އޭނާއަށް ކަމެއްވާހެން ހީވެގެން އަންހެން މީހާ ހަޅޭއްލަވަން ފެށީ ކަމަށާއި އެމީހުންނަށް އެހީ ފޯރުކޮށްދޭން މީހުން ދިޔައީ އޭނާގެ ހަޅޭކުގެ އަޑަށް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ މޫދުން ނެގި އިރުވެސް އެ ފަތުރުވެރިޔާ މަރުވެފައިވާ ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލަށް ގެންގޮސް، ހޮސްޕިޓަލުން ވެސް މަރު ސާބިތު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

މޫދު ހަރަކާތްތަކުގެ ތެރެއިން ފަތުރުވެރިން މަރުވާ މިންވަރު އިތުރުވާތީ އެ ކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން، މޫދު ކުޅިވަރުތައް އިންތިޒާމުކުރާ ތަންތަނަށާއި ގެސްޓު ހައުސްތަކާއި ރިސޯޓުތަކަށް ދާދި ފަހުން ވެސް ވަނީ އަންގާފައެވެ. އެގޮތުން ފަތަން ދިއުމާއި، ސްނޯކްލިން އާއި ޑައިވިން ފަދަ މޫދު ހަރަކާތްތައް ކުރިއަށް ގެންދާއިރު ސަމާލުވުމަށް މިނިސްޓްރީން އެދިފައިވެއެވެ.

މިފަދަ ހާދިސާތައް އިތުރުވަމުންދާއިރު މި މަހުގެ 14 ވަނަ ދުވަހު ވެސް އއ. އަތޮޅު ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވެއެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު ވެސް ވަނީ ހަމަ އއ. އަތޮޅުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެފައެވެ.

comment ކޮމެންޓް