ކުދި ޖަޒީރާ ގައުމަކުން އައިއެންއެފްއެފް ލޯންޗުކުރި ފުރަތަމަ ގައުމަކަށް ރާއްޖެ

އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސިުން ފްރޭމްވޯކް (އައިއެންއެފްއެފް) ލޯންޗުކުރުމުގެ ތެރެއިން --- ސަން ފޮޓޯ

ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސިުން ފްރޭމްވޯކް (އައިއެންއެފްއެފް) ލޯންޗުކުރި ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެއެވެ.

މިއަދު މި ފްރޭމްވޯކް ލޯންޗު ކުރަން ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި ރާއްޖޭގެ އައިއެންއެފްއެފް ލޯންޗު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އައިއެންއެފްއެފް އަކީ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދޭނެ އޮނިގަނޑެއް ޤާއިމުކޮށް، ގައުމީ ފެންވަރުގައި ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ޙާސިލު ކުރަން އެހީތެރިވެދޭ އޮނިގަނޑެކެވެ.

މިއަދުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މޫސަމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ސަރުކާރުގެ ސްޓެރެޓީޖިކް މަޤްސަދުތައް ޙާސިލްކުރުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް އައިއެންއެފްގެ ސަބަބުން ފަސޭހަވާނެ ކަމަށާއި، އދ އަދި ޔޫއެންޑީޕީ ގުޅިގެން ޖެންޑާ ރެސްޕޮންސިވް އިންޓަގްރޭޓޭޑް ކްލައިމްޓް ފައިނޭންސެއް މިހާރު އެކުލަވާލައިފައިވާ ކަމަށެވެ. އަދި، އެ ކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ފައިނޭންސް އިތުރު ކުރަން ހުރި މައިގަނޑު ހުރަސްތަކަށް ޙައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެ ފައިނޭންސް ސްޓެރެޖީގެ ދަށުން ފޮސިލް ފިއުލަށް އިގްތިސާދުން ކުރާ ބަރޯސާ ކުޑަކޮށް، ދެމެހެއްޓެނިވިކޮށް ގެންދިއުމަށްޓަކައި މޫސުމީ އެޖެންޑާ އިތުރަށް ޚަރުދާވާނެ 100 އަށްވުރެ ގިނަ ފިޔަވަޅުތައް އެކުލެވޭނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ގޮތެއްގައި މި ސްޓްރެޓީޖިކް ޕްލޭންތަކުގެ މަސައްކަތް ކުރެވެނީ ޕްރައިވެޓް، ޕަބްލިކް އަދި ބައިނަލްއަޤްވާމީ ސެކްޓަރުން ގުޅިގެން މަސައްކަތް ކުރުން ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭން ޔޫއެންއެފްއެފްގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ފައިނޭންސް ހަބެއް ވެސް ވަނީ އެކުލަވާލައިފައެވެ. އެ ހަބުގެ ޓެކްނިކަލް މަސައްކަތްތަކަށް އެހީތެރިވުމުގައި ޔޫއެން އަދި ޔޫއެންޑީޕީގެ ބޭފުޅުން ހަރަކާތްތެރިވާއިރު، އެ ހަބަށް އެޑްވައިޒަރީ ބޯޑެއް ވެސް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް