މާލެއާއި ވިލިމާލޭގެ މަގު ހެދުމާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާއާއާއެކު ސޮއިކޮށްފި

ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިގްތިޞާދީ ކުރިއެރުވުމާއި ގުޅޭގޮތުން ޗައިނާއާއެކު މަޝްވަރާކޮށްފި--ފޮޓޯ: ފޮރިން މިނިސްޓަރީ

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމަށް، ޗައިނާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދިވެހި ވަފުދަކާއެކު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އެއްބަސްވުމުގައި ސޮއިކުރީ، ސިޑްކާގެ ޗެއާމަން ލުުއޯ ޖާއޮހުއިއާ މިއަދު ބައްދަލުކުރެއްވުމަށްފަހުގައެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ. އަދި ސިޑްކާގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ލުއޯ ޖާއޮހުއި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު މަޝްރޫއުތަކާގުޅޭ ގޮތުން މަޝްވަރާކޮށް، ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ އަދާހަމަ ހިއްސާކޮށްފައިވާ ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ ފޮރިން މިނިސްޓަރީ

އެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ، ރާއްޖެއާއި ސިޑްކާއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސިޑްކާގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މިބައްދަލުވުމުގައި ސިޑްކާ އާއެކު ގުޅުން ބަދަހިކުރެވޭނެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުވުމަށް، މަޝްރޫއުތައް ތަންފީޒުކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް ދެގައުމުން ޚިޔާލު ބަދަލު ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަމަމިއާއެކު ސިޑްކާއާއެކު ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަގުބަލުގައި ދެ ގައުމަށް ފައިދާހުރި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެގައުމުން ވެސް ދިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ވިލިމާލޭގެ މަގުތައް ހަދާނީ އެ އަވަށުގެ ރައްޔިތުން ބޭނުންވާ ޑިޒައިނަކަށް ކަމަށާއި، ވިލިމާލޭގެ އެއްވެސް ކަމެއް ރައްޔިތުން ބޭނުންނުވާ ގޮތަށް ކުރިއަށް ނުގެންދަވާނެކަމަށް މިނިސްޓަރު މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

comment ކޮމެންޓް