މޮޓޯކޭޑުގެ ސެކިއުރިޓީ ބްރީޗްކޮށްލާފައިވާތީ މާރިޔާ މަގާމުން ވަކިކުރަން ގޮވާލި މައްސަލަ ބޭރުކޮށްލައިފި

ޑިފެންސް މިނިސްޓަރު މާރިޔާ ސިފައިންގޭގެ އިސްވެރިންނާއެކު -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ދައުލަތުގެ އިސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކުރަންޖެހޭ ވަރުގެ ސީރިއަސް މައްސަލައެއް ކަމަށް ވާތީ، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މަގާމުން ވަކިކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި, ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑުގެ ސެކިއުރިޓީ ރޭ ބްރީޗްވެފައިވާތީ އެކަމާ ގުޅޭ ކުއްލި މައްސަލައެއް ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހެޅުއްވިއެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ރޭ ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ބައިވެރިން ޕާޓީގެ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި، ކުއްލިއަކަށް ރައީސްގެ މޮޓޯކޭޑު، އެމަނިކުފާނުގެ ކާރުކޮޅާއެކު މުޒާހަރާގެ ބައިވެރިންގެތެރެއަށް ވަދެފައިވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ ރައީސްއަކު ދަތުރުކުރައްވާ މޮޓޯކޭޑެއް އެފަދަ ސިޔާސީ ހަރަކާތެއް ހިނގަމުންދާ ތަނަކަށް ވަދެގެން ދިޔުމަކީ ނޭންގި ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ރޭވިގެން ހިންގާފައިވާ އަމަލެއް ކަމަށް ގަބޫލުކުރެވޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައީސްގެ ސަލާމަތާ ރައްކާތެރިކަން ބަލަހައްޓަންވާނީ އެމްއެންޑީއެފްއިން ކަމަށްވާއިރު އެކަން ހިނގާދިޔުމުގެ ޒިންމާ، ސީދާ ޑިފެންސް މިނިސްޓަރު މާރިޔާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

މީގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަލާމަތީ ކަންކަން ވެސް ދޯދިޔާވެ، ނުބެލެހެއްޓި، ފުރާނަޔަށް ގެއްލުންވާފަދަ ބޮޑު ހާދިސާއެއް ހިނގާފައިވާ ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ދައުލަތުގެ އިސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓްރު މަގާމުން ވަކިކުރަން ޖެހޭ ވަރުގެ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ގަސްތުގައި ރައީސް ދަތުރުކުރައްވަމުން ދިޔަ މޮޓޯކޭޑުގެ ސެކިއުރިޓީ ބްރީޗް ކުރި މައްސަލަ ތަހުގީގު ކުރުމަށް މެމްބަރު ގޮވާލެއްވިއެވެ.

އެ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ މައްސަލަ ބަލައިގަތުމާމެދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 17 މެމްބަރުން އަޣުލަބިއްޔަތުން، އެކަން ބަލައިނުގަތުމަށް ވޯޓު ދެއްވުމުންނެވެ. މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެމްބަރުންނެވެ.

މުޒާހަރާގެ ބައިވެރިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައިވަނީ ރޭ ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލެއްވުމަށްފަހު ރައީސް އެނބުރިވަޑައިގެންނެވި ވަގުތެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުމަކީ ޖިނާއީ ކުށެކެވެ. އެ މައްސަލައާ ގުޅިގެން ރޭ ހަތަރު މީހުން ވެސް ހައްޔަރު ކުރިއެވެ.

comment ކޮމެންޓް