އިދިކޮޅުން ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ބަންދުން ދޫކޮށްލައިފިއެވެ.
އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ރޭ ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ވަނީ ހުރަސްއަޅާފައެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅާފައި ވަނީ ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ޝިޔާމް ހައްޔަރު ކޮށްފައެވެ. އަދި މޯޓޯކޭޑަށް ހުރަސް އަޅައިގެން ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
އެކަމާ ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީސް ފައްޓަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވީ މެމްބަރު ޝިޔާމް ހައްޔަރުކުރުމުގައި ފުލުހުން އަމަލު ކޮށްފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަަމަށެވެ.
ގަވާއިދުގައިވާ ގޮތުން، މަޖިލީސް މެމްބަރަކު ހައްޔަރު ކޮށްފިނަމަ، ހައްޔަރު ކުރާތާ އެއްގަޑިއިރުގެ ތެރޭގައި އެކަން މަޖިލީހުގެ އަމީންއާމަށް ނުވަތަ ރައީސްއަށް އަންގަން ޖެހެއެވެ. ނަމަވެސް ފުލުހުން އެކަން މަޖިލީހަށް އަންގާފައި ނުވާ ކަމަށާ، އެއީ ކަންބޮޑުވާ ކަމެއް ކަމަށް އިީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ ހަތަރު ގަޑިއިރަށް ފަހު މިހާރު މެމްބަރު ޝިޔާމް ދޫކޮށްލާފައިވާ ކަމަށެެވެ.
މުޒާހަރާގެ ބައިވެރިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައިވަނީ ރޭ ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލެއްވުމަށްފަހު ރައީސް އެނބުރިވަޑައިގެންނެވި ވަގުތެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުމަކީ ޖިނާއީ ކުށެކެވެ.