އަންހެނުންނަށް ފުރުސަތާއި ވަޒީފާ ދެވިއްޖެ، ދެން އޮތީ ގޮތް ނިންމުމުގައި ދައުރު ފުޅާކުރުން: ރައީސް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ: ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު/ ފޮޓޯ ރައީސް އޮފީސް

އަންހެނުންނަށް ފުރުސަތާއި ވަޒީފާތައް ފަހިކޮށްދެވިއްޖެ ކަމަށާއި ދެން އޮތީ ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، މުޖުތަމައުގައި އަންހެނުންގެ ދައުރާއި ކާމިޔާބީތައް ދެނެގަނެ އެކަން ފާހަގަކުރުން ކަމަށެވެ. އަދި އިގްތިސޯދީ އަދި ސިޔާސީ ގޮންޖެހުންތަކާއި މިންތީ ތަފާތުތައް ކުޑަކުރުމުގެ މުހިންމުކަމުގެ މައްޗަށް މުޅި މުޖްތަމައު ހޭލުންތެރިކުރުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ ބޭނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި އަހަރު ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑާ އީކުއަލިޓީ" ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ޒަމާނާ ގުޅޭ މިފަދަ ޝިއާރެއްގެ ދަށުން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އިނޮވޭޓިވް ޓެކްނޮލޮޖީ އާއި ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެން ކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުން ކަމަށެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ: ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު/ ފޮޓޯ ރައީސް އޮފީސް

"ހުރިހާ ދާއިރާއެއްގައި ވެސް މިންތީ ހަމަހަމަކަން ޤާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް، އިޤްތިޞާދު ސިންދަފާތު ކުރުމަށާއި، އައިސީޓީ، އަދި މިންތީ ހަމަހަމަކަން ފަދަ ސަބް-ސެކްޓަރތަކަށް ރިއާޔަތްކޮށްފައިވާނެ. އަދި އެކަންކަމާ ގުޅުވައިގެން ލާމަރުކަޒުކޮށް މަސައްކަތްކުރުމަށްވެސް ހިމަނާފައިވާނެ،" އެމަަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އަބަދުވެސް ދައްކަނީ އަންހެނުންނަށް ފުރުސަތުތުތައް ފަހިކޮށްދޭންޖެހޭ ވާހަކަ އާއި ވަޒީފާތައް ހޯދައިދޭން ޖެހޭ ވާހަކައިގެ އިތުރުން އަންހެނުން މަގާމުތަކަށް އިންތިޚާބުކުރަން ޖެހޭ ވާހަކައެވެ. ނަމަވެސް ހަމައެކަނި ފުރުސަތާއި ވަޒީފާގެ ވާހަކައިން، މަންޒިލެއް ނުފެންނާނެ ކަމަށާއި ދެން ދައްކަންވީ ކަންކަން ނިންމުމުގެ މަރުޙަލާގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ވާހަކަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެން މަސައްކަތް ކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް. ސަރުކާރުގެ ތެރެއިން ވެސް، އަދި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް ދެން މަސައްކަތް ކުރަންވީ، އެފަދަ މަގާމުތަކުގައި އަންހެނުން ހިމަނައިގެން، ކަންކަން ނިންމުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި، އަންހެނުންގެ ޚިޔާލާއި މަޝްވަރާ ބޭނުންކުރުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަކަމަށް ރިއާޔަތްކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކަކާއި އެކި އިދާރާތަކުން ކުރާ މަސައްކަތްތައް ވަޒަން ކުރެވޭނެ މިންގަނޑުތަކެއް ކަނޑައެޅިފައި ވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުގެ ހުރިހާ އިދާރާތަކުން ވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް ވަނީ، އަންހެނުންގެ ކުރިއެރުމާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުން، ކަންކަމާ ކުރިމަތިލުމުގެ ކެރުމާއި ހިތްވަރު، އަންހެނުންނާއި އަންހެން ކުދިންގެ ކިބައިގައި އިތުރަށް އުފެދިގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް