ލ. ގަމުގައި ވެލާތަކެއް މެރި މައްސަލައެއް އީޕީއޭއިން ބަލަނީ

މަރައިލައިފައިވާ ވެލާގެ ތޮށިގަނޑު ނަގަނީ -- ފޮޓޯ/ އޯއާރްޕީ

ލ. ގަމުގައި ވެލާތަކެއް މެރި މައްސަލައެއް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް މި މަހުގެ 11ވަނަ ދުވަހު ލިބިފައިވާކަމަށާއި އެ މައްސަލ ތަހުގީގުކުރަމުން އަންނަކަމަށް އީޕީއޭއިން ބުނެފިއެވެ.

މަރައިލައިފައި އޮއްވައި ފެނިފައިވަނީ ދެ ވެލައެވެ. ދެ ވެލާ ވެސް އެއްލައިލައިފައި އޮއްވައި ފެނިފައިވަނީ ގަމުގެ އަތިރިމަތިންނެވެ.

އީޕީއޭގެ ސީނިއާ އެންވަޔަރަމަންޓް އެނަލިސްޓް އީނާސް މުހައްމަދު ރިޔާޒު "ސަން"އަށް ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަކަމަށެވެ.

މަރައިލައިފައިވާ ވެލާގެ ތޮށިގަނޑުގެ މިން ނަގަނީ -- ފޮޓޯ/ އޯއާރްޕީ

އެހެން ނަމަވެސް އެ މައްސަލައިގައި ތަހުގީގަށް އެކަށީގެންވާ މިންވަރަށް މައުލޫމާތު ލިބިފައިނުވާކަމަށް އީނާސް ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގު ކުރިއަށްދަނީ އަތޮޅު ކައުންސިލާއި ފޮނަދޫ ކައުންސިލާ ގުޅިގެންކަމަށް އީނާސް ވިދާޅުވިއެވެ.

"މިހާރު މައްސަލަ ހަަމަ ކުރިއަށްދަނީ. އަސްލު އަތޮޅު ކައުންސިލާއި ފޮނަދޫ ކައުންސިލާ ވެސް ގުޅިގެން ލ. ގާދޫ މި ބަލަހައްޓަނީ. ދެން އެމްއޯޔޫއެއްގެ މަސައްކަތް ވެސް ކުރިއަށްދޭ. އެ ސަރަހައްދަކީ ވެސް ވަަރަށް ގިނައިން ވެލާ އަރައި ސަރަހައްދަކަށްވެފައި އަދި ވަރަށް ގިނައިން ޕޯޗް [ތޮށިގަނޑާއި މަސް ނަގަން ވެލާ މަރާ] ކުރާ ސަރަހައްދަކަށް ވާތީ،" އީނާސް ވިދާޅުވިއެވެ.

ނަމަވެސް އެ އަތޮޅުގެ ގިނަ ސަރަހައްދުތަކުގައި ވެލާ ހިފާ މައްސަލަ ބޮޑު ކަމަށް އޭނާ ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއެވެ.

އީނާސް ވިދާޅުވީ ވެލާތައް މަރައިލައިފައި އޮއްވައި ފެނުމުން އެންމެ ފުރަތަަމަ އީޕީއޭއަށް ރިޕޯޓުކުރީ ލ. އަތޮޅުގައި އީޕީއޭއާ ގުޅިގެން ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ)ގެ ސީ ޓާޓަލް ރޭންޖަރު އިބްރާހިމް އިނާނެވެ.

އޯއާރްޕީން ކުރި ފޭސްބުކް ޕޯސްޓެއްގައިވާ ގޮތުން ދެ ވެލާގެ ބޮލާއި ތޮށިގަނޑު ފިޔަވައި އެހެން ހުރިހާ މަހެއް ވަނީ ނަގައިފައެވެ.

މަރައިލައިފައިވާ ވެލައެއްގެ ބަނޑުދަށުގެ ތޮށިގަނޑުގެ -- ފޮޓޯ/ އޯއާރްޕީ

ވެލައަކީ ރާއްޖޭގައި އަދި ދުނިޔޭގައިވެސް ނެތިދިޔުމުގެ ބިރުބޮޑުވެފައިވާ ޖަނަވާރެކެވެ. ވެލާގެ ބިސްނެގުމާއި، މަސްކެއުމަކީ ރާއްޖޭގެ ވެލާގެ އާބާދީ ދަށްވަމުންދާ ސަބަބެކެވެ.

އޯއާރްޕީއިން ބުނި ގޮތުގައި ވެލާ ދަރިމައިވާ އުމުރަށް ބޮޑުވާން 25-50 އަހަރު ނަގައެވެ. އަދި ވެލާ ރާއްޖެއަށް ބިސްއަޅާ މިންވަރު 1980ގެ އަހަރުތަކާއި އަޅާކިޔާއިރު ދަށްވެފައިވާކަން ފާހަގަކުރެވޭކަމަށް ވެސް އެ ޕްރޮޖެކްޓުން ބުންޏެވެ.

ވެލާ ކަހަނބު މަރާލާފައި ނުވަތަ މަރާލަން އެއްވެސް ބަޔަކު އުޅޭނަމަ، ލަސްނުކުރައްވާ އީޕީއޭ ހޮޓްލައިން 7980379 އަށް ރިޕޯޓް ކުރުމަށް އެ އެޖެންސީން އެދެއެވެ.

comment ކޮމެންޓް