އިކުއެޑޯ އާއި ޕެރޫއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި 14 މީހަކު މަރުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 6.8 މެގްނިޓިއުޑުގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި މަރުވެފައިވަނީ އިކުއެޑޯގެ 13 މީހަކާއި ޕެރޫގެ މީހެކެވެ. އަދި ބިންހެލުމުގައި 126 މީހަކު ވަނީ ޒަޚަމްވެފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އިކުއެޑޯގެ އައްސޭރިފަށުގެ ގުއަޔާސް ސަރަހައްދަށެވެ.
ޕެރޫގައި ބިންހެލުން އިހުސާސް ކުރެވިފައިވަނީ އެގައުމުގެ އުތުރުން، އިކުއެޑޯއާ ގުޅޭ ބޯޑަރު ސަރަހައްދުންނެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އައުމުގެ ފުރުސަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ.
ބިންހެލުން އައި ސަރަހައްދަކީ ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެކެވެ.
މި ބިންހެލުމާއެކު އެ ސަރަހައްދުގެ މީހުންގެ ގެދޮރާއި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި ބިންހެލުމާ ހެދި ވެއްޓުނު ބައެއް އިމާރާތްތަކުގެ ދަށުގައި މީހުން ވަނީ ތާށިވެފައެވެ.
އިކުއެޑޯގެ އޮފިޝަލުން ދަނީ އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ސަރަހައްދުގައި އަލިފާން ނިއްވާ މީހުންނާއި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، ފޯނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އެމީހުންގެ މަސައްކަތަށް ހުރަސްއެޅިފައިވެއެވެ.
ބައެއް ރިޕޯޓްތަކުގައިވާ ގޮތުން ފުރަތަމަ ބިންހެލުން އައުމަށްފަހު ޖެހިގެން އައި ގަޑިއިރުގެ ތެރޭގައި އިތުރު ދެ ބިންހެލުން އެ ސަރަހައްދަށް އައިސްފައިވެއެވެ.
އިކުއެޑޯގެ ރައީސް ގިލާމޯ ލާސޯ ވިދާޅުވީ ބިންހެލުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް ސިހުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަގުތުން މަރާމާތު ކުރެވޭ ވަރަށް އެގައުމުގައި އިގްތިސާދީ ވަސީލަތްތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.