ކުށްކުރަން ގެންގުޅޭ އުކުޅުތަކާ އެއްވަރަށް ފުލުހުން ވެސް ތަރައްގީވާން ޖެހޭ: ރައީސް

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ކުށްކުރާ މީހުން ކުށްކުރަން ގެންގުޅޭ އުކުޅުތަކާއި ވަސީލަތްތައް އަންނަނީ ބަދަލުވަމުން ކަމަށާއި އެއާ އެއްވަރަށް ފުލުހުންގެ މުއައްސަސާ ވެސް ތަރައްގީވެ، ބަދަލުވާން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ވީހާ ވެސް އާންމުންނާ ގާތުން ޚިދުމަތް ދިނުން ކަމަށާއި ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ އެ ޚިދުމަތަކީ ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމައުގެ އެއްބައިކަން ގަބޫލު ކުރެވިގެން ކަމަށެވެ.

"ފުލުހުންގެ ޚިދުމަތް އިންތިޒާމުކޮށްދީފައި އޮތީ، މުޖުތަމައުގެ އެންމެހައި ހިއްސާދާރުންނާ ގުޅިގެން ތަންފީޒުކުރެވޭ ޚިދުމަތެއްގެ ގޮތުގައި. އެ ގުޅުން އުފެއްދެނީ، އާންމު ރައްޔިތުންނާއި، ކަމާބެހޭ މުއައްސަސާތަކާއި، ދަރިވަރުންނާއި، ޒުވާނުންނާއި، ފަންނުވެރިންނާއި، ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ވަރުގަދަ ވިއުގައެއް އުފެއްދިގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު ފުލުހުންގެ ޚިދުމަތަށް ގޮންޖެހުން ބޮޑުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ސިނާއީ އިންގިލާބާ އެކު މުޅި ދުނިޔެ ވެސް ބަދަލުތަކެއްގެ ތެރެއަށް ފުރޮޅިގެން ގޮސްފައިވާ ކަމަށެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

"މިހާރު އަޅުގަނޑުމެންނަށް ވަދެ މި ތިބެވެނީ، ޒަމާނީ ޓެކްނޮލޮޖީއާއި، އީޖާދީ އުފެއްދުންތަކުގެ ދުނިޔެއަކަށް. ޓެކްނޮލޮޖީގެ ކޮންމެ ލުއިފަސޭހައަކާ އެކު، އިޖުތިމާއީ ނުވަތަ ޖިނާއީ ގޮންޖެހުމެއް ކުރިމަތި ނުވެޔެކޭ ނުދެންނެވޭނެ،" ރައީސް މަނިކުފާނު ވިދާޅުވިއެވެ.

"މުޖްތަމައާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައް ދަނީ ތަފާތުވަމުން، ބަދަލުވަމުން. އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅި ވެސް ދަނީ ބަދަލުވަމުން. އަދި އެފަދަ ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި، އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު، ގާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވަމުން، ތަފާތުވަމުން."

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ބަދަލުތަކާ އެކު ފުލުހުން އިތުރަށް ސަމާލުވެ، ތައްޔާރުވާން ޖެހެއެވެ. އެކަން ކުރެވޭނީ އެ ބަދަލުތަކާ އެއްވަރަށް ފުލުހުންގެ މުއައްސަސާ ވެސް ތަރައްގީވެގެން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެގޮތުން، ފުލުހުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދަން ޚާއްސަ އިސްކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ ވަސީލަތްތައް ހޯދުމުގައި މި ސަރުކާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ފުލުހުން ބޮޑީ ވޯން ކެމެރާއާއި ޓޭޒާ ބަޑި ބޭނުން ކުރަން ފެށުމަކީ އެ ކަމުގެ ދަލީލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ދިފާއުގައި ފުލުހުން ކިތަންމެ ބޮޑު ނުރައްކަލަކާ ވެސް ކުރިމަތިލާން ޖެހިދާނެކަން ފާހަގަކުރައްވައި ރައީސް ވަނީ ފުލުހުންގެ ޖިސްމާނީ އަދި ނަފްސާނީ ރައްކާތެރިކަން ވެސް ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

"ފުލުހުން މި އަހަރުގެ ތެރޭގައި ދެން ބޭނުންކުރަން ފަށާނެ އަނެއް ވަސީލަތަކީ، ޓޭޒާ ގަން. މިއީ ވެސް ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު، އެ ކުށްވެރިޔާގެ ވެސް އަދި ފުލުސް މީހާގެ ވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެއް. ފަހަރެއްގައި ވެސް މިއީ، ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސާ އެކު އެފަދަ ޒަމާނީ އިތުރު ބަދަލުތައް އައިސް، ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްގީވާނެ ކަމަށް އުންމީދުކުރައްވައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް