ޕީޕީއެމް އެއްވުމުން ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހެއް ގައިގައި ޖެހުމުން: ފުލުހުން

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން ރޭ، މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއިން 'އަވަސް' ނޫހުގެ ނޫސްވެރިޔަކު ހައްޔަރު ކުރަނީ--- ފޮޓޯ/ އެމްޖޭއޭ

މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ޕީޕީއެމް ޕީއެންސީން އެ ޕާޓީގެ އޮފީސް ދޮރުމަތީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުން ނޫސްވެރިއަކު ހައްޔަރުކުރަން ޖެހުނީ އޭނާ ފުލުހުންނަށް ހުރަސް އެޅުމުންކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެ އެއްވުމެއްގެ ތެރެއިން ނޫސްވެރިއަކު ހައްޔަރުކުރުމާ ގުޅިގެން ގިނަ ބަޔަކު އައީ އެ ކަމަށް ފާޑު ކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެއާއެކު ފުލުހުން ބުނީ ނޫސްވެރިޔާ ހައްޔަރުކުރީ، އެއްވުމުގެ ބައިވެރިއަކު ހައްޔަރުކުރަން މަސައްކަތްކުރި ވަގުތު އެ ނޫސްވެރިޔާ ފުލުހެއްގެ ގައިގައި ޖަހައިފައިވާތީކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ ކޯޓުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައިވާ ގޮތުން ނޫސްވެރިޔާ ހުސައިން ޖުމާންގެ ފަރާތުން ވަނީ ހާދިސާ ހިނގި ގޮތް ފެންނަ ވީޑިއޯއެއް ކޯޓަށް ހުށަހަޅާފައެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

"އަވަސް" އޮންލައިންގެ އެ ނޫސްވެރިޔާ ހައްޔަރުކުރުމުން އެ ކަމާ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެމްޖޭއޭއިން ކަންބޮޑުވީ އޭނާ ހައްޔަރު ކުރި ސަބަބު ފުލުހުން އެއިރު ހާމަކޮށްފައިނުވާތީއެވެ.

އެމްޖޭއޭއިން ބުނީ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް، ފުލުހުން ފުރައްސާރަކޮށް، އަނިޔާ ކުރުމަކީ އެ އެސޯސިއޭޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް